ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ މަގާމުން އިސްތިއުފާ ދެއްވި ސިޓީ އަދިވެސް ނުލިބޭ ކަމަށް މަޖިލީހުން ބުނެފި އެވެ.

މަޖިލީހުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވީ މިދިޔަ ހަފްތާގަ އެވެ. އަދި އިސްތިއުފާގެ ސިޓީ ވެސް މީޑިއާތަކާ ހިއްސާ ކުރެއްވި އެވެ.

އެކަމަކު މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އިސްތިއުފާގެ ސިޓީ އަދިވެސް ނުލިބޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޖާބިރުގެ ބަހެއް ހޯދަން "ރަސް"އިން ގުޅުމުން ޖާބިރުއާ ގުޅޭ ގޮތެއް ނުވިއެވެ.

ޖާބިރު މަގާމުން އިސްތިއުފާ ދެއްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ވެރިކަން ކުރާ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ ޑިމޮކްރަސީ ފަހަތަށް ސޮއްސާލައިގެން ދިއުން ކަމަށް ވެސް ވަނީ ސިފަ ކުރައްވައިފަ އެވެ.

ހަމަ އެހެންމެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ޓިކެޓް އޭނާއަށް ދީފައިވަނިކޮށް ފަހުން ޓިކެޓް އަތުލުމުން އެމްޑީޕީއަށް ވެސް ޖާބިރު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

އަދި އެމްޑީޕީގެ އަމަލަކީވެސް ޑިމޮކްރަސީއާ ހިލާފު އަމަލެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

އެހެންވެ އެމްޑީޕީން އޭނާއާ މެދު އަމަލުކުރި ގޮތުންނާާއި އަދި މި ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތް ކަމަށް ވިދާޅުވެ ޖާބިރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެމްޑީޕީން ޓިކެޓް އަތުލުމުން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޖާބިރު ފަހުން ވާދަ ކުރެއްވީ އަމިއްލަ ގޮތުން ނެވެ. ނަމަވެސް އިންތިހާބުން އޭނާއަށް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.

ޖާބިރު މަގާމުން އިސްތިއުފާ ދެއްވިއިރު މި ހިނގަމުންދާ މަޖިލިސް ނިމެން އޮތީ މަދު ދުވަސް ކޮޅެކެވެ. އަދި 20 ވަނަ މަޖިލީހަށް މިފަހަރު އިންތިހާބުވި މެމްބަރުން މި މަހު 28 ވަނަ ދުވަހު ހުވާ ކުރައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން