އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله ދަތުރު ކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އެ މައްސަލަ ހައްލުކުރަން އުޅުއްވި ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އާއި އިމްރާން އަބްދﷲއާއި ދެމެދު ހިނގި މުއާމަލާތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ އެކްސިޑެންޓާ ގުޅިގެން ކުރީގެ މިނިސްޓަރު އިމްރާންއާ އިންމުއާ ދެމެދު ދެކެވުނު ވާހަކަތަކުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުން، އިމްރާން ލަތީފު ވިދާޅުވަނީ، ޕިކަޕް ޑްރައިވަރަށް ޝެއިޚް އިމްރާން މައާފު ދެއްވުން އެދޭ ކަމަށާއި ނޫންނަމަ، ކާރު ހެދުމަށް ދާ ހަރަދު އިމްރާން ލަތީފް ހަމަޖައްސައިދެއްވާނެ ކަމަށެވެ. ނަމަވެސް، އެކަމާ ޝެއިޚް އިމްރާން އެއްވެސް އެއްޗެއް ވިދާޅުވާތަނެއް ވީޑިއޯއަކުން ނުފެނެއެވެ.

އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ކުރީގެ ހޯމް މިނިސްޓަރު އިމްރާނަށް އަމާޒުވި އިރު ބައެއް ފަރާތްތަކުން ވަނީ އިންމު އަމަލުކުރެއްވި ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިއޯކޮށް ޢާއްމުންގެ ތެރޭގައި ފަލީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ވެސް ގާއިމުވެ އެބަ އޮތް ކަމަށެވެ.

"ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސް މުއިއްޒު ވިދާާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން