އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން އާރްޑީސީން ހާމަކޮށްފިއެވެ.

ކޮންޓްރެކްޓް އުސޫލުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މިވަގުތު ޖުމްލަ 6 މަގެއްގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. އެއީ ޖުމްލަ 4.8 ކިލޯ މީޓަރުގެ ދިގުމިނުގެ މަގު ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އާރްޑީސީން ބުނީ މިހާތަނަށް 6 މަގެއްގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިއެޅުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށެވެ. އަދި 5 މަގެއްގައި ސެޓްލްމަންޓް ޓޭންކާއި ހޮޅި އެޅުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު، އެއް މަގެއްގައި އެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާކަމަށެވެ.

މީގެ އިތުރުން 3 މަގެއްގައި ކާރބް ސްޓޯންޖެހުމާއި 4 މަގެއްގައި ދުވާރުގެ މަސައްކަތްތަކުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު، އެއް މަގެއްގައި ތާރު އެޅުމުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް އާރްޑީސީން ހާމަކޮށްފައިވެއެވެ. އަދި އިތުރު މަގެއްގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ 75 އިންސައްތަ ވަނީ ނިމިފައެވެ.

އާރްޑީސީން ބުނީ މިވަގުތު ކުރިއަށްދަނީ ގެވެހިމަގުގައި އޭބީސީ ފަށަލަ އެޅުމާއި ބީޗް ރޯޑްގައި ކާރބްސްޓޯން ޖެހުމާއި ކީވޯލް ޖެހުމުގެ މަސައްކަތުގެ އިތުރުން އަމީނީމަގުގައި ސަބް ބޭސްގެ މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުން ކަމަށެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95,043,314.41 ދިވެހި ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން