ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ އަލުން ހަދައިފިނަމަ ވަރަށް ގިނަ ކަންކަން އެނގޭނެކަމަށް ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ދެހާސް އެކާވީސް ވަނަ އަަހަރުގެ ހައެއް މޭގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއަށް ވަނީ ތިން އަހަރުފުރިފަ އެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން އިންކުއަރީ ހަދަން 100 އަށް ވުރެ ގިނަ މީޓިން ބާއްވައިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ އިންކުއަރީން ދެނެގަންނަން ބޭނުންވި އެންމެ މުހިއްމު ކަންކަން ދެނެގަނެވިފައި ނުވާ ކަމަށާއި އެއީ ނަޝީދަށް އިންސާފު ނުލިބުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް މެދުވެރިވި ފަދަ ހާދިސާއެއް އެއްވެސް އިންސާނަކަށް މެދުވެރިވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ހަމަލާ ދިން ދުވަހު އެކަން ކުށްވެރިކުރެއްވި ފަދައިން މިއަދު ވެސް އެކަން ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ އަމަލުތަކާ ދެކޮޅަށް އަދި ނަޝީދަށް އިންސާފު ހޯދައިދިނުމަށް ބައެއް މަޖިލިސް މެމްބަރުން ރެޔާއި ދުވާލު ކުރެއްވި މަސައްކަތްތަކުގެ ހަނދާން ވަރަށް ބޮޑަށް އާވާކަން ވެސް ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

"މީގެ 10 އަހަރު ފަހުން ނަމަވެސް އެ އިންކުއަރީ އަލުން ހަދައިފި ނަމަ އެ ދުވަހު ދެނެނުގަނެވުނު ވަރަށް ގިނަ ކަންކަން ދެނެގަނެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން