ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން
ކޯވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރޭ އިތުރުކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު މިފަަހަރު އިތުރު ކުރީ ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، މިނިސްޓަރ އަމީން ފުރަތަމަ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އެކި ފަހަރުމަތިން ވަނީ އިތުރުކޮށްފައެވެ.

އެންމެ ފަހުން އިތުރު ކުރި ކުއްލި ނުރައްކަލުގެ މުއްދަތު މިރޭ 00:00 ގެ ނިޔަލަށް ހަމަވާތީ މިނިސްޓަރު އަމީން ނެރުއްވި ޤަރާރުގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތީމާ ކަމަށެވެ. އަދި 12 މާރިޗު ގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަންމާލާފައިވާ ކަމަށާއި ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދީފައިވާތީ ކަމަށް ވެސް ގަރާރުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން 12 މާރޗުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނު ކުރާކަމަށް މިނިސްޓަރު އަމީންގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.

" އަދި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ." ހެލްތު މިނިސްޓަރު ސޮއިކުރައްވައި މިރޭ ނެރުއްވި ގަރާރުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ޖޫން މަހުން ފެށިގެން ކޮންޓްރޯލް ކުރެވުނު ނަމަވެސް ދިން ލުއިތަކުގެ ސަބަބުން ކޮވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4769 އަށް އަރާފައެވެ. އޭގެ ތެރެއިން 2754 މީހަކު މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ބަލިން ރަނގަޅުވާ މީހުންނަށް ވުރެ އަލަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުންދާ ކަން ފާހަގަކޮށްލެވެއެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ކުރާ 1996 މީހުން އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން