ބޭރުގެ ދަރަނީގެ ހާލަތު އޮތް ގޮތުން ރާއްޖޭގެ އިޤްތިޞާދަށް ގޮންޖެހުން ބޮޑުކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުން އިއްޔެ އާންމުކުރި ރާއްޖޭގެ އިޤްތިޞާދީ އަޕްޑޭޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިޞާދު ކުރިއަރާނީ 4.7 އިންސައްތައަށެވެ. މިއީ ކުރިން އެބޭންކުން ލަފާކޮށްފައިވާ މިންވަރަށްވުރެ 0.5 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި އެމީހުންގެ މާލީ ހޭދަކުރުންތައް ދަށްވުން ކަމަށް ރިޕޯޓްގައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ދަރަނީގެ ޙާލަތަކީވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑްބޭންކުން ބުނީ ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން މިވަގުތު ހުރީ 122.9 އިންސައްތައިގައި ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެޅުން އަވަސްނުކޮށްފި ނަމަ، އާންމުންގެ އާމްދަނީއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ވޯލްޑު ބޭންކުން ލަފާކޮށްފައިވެއެވެ.

އެގޮތުން މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ބޭރުގެ ދަރަނި 512 މިލިއަން ޑޮލަރަށް އަރާއިރު 2026ގައި އެ އަދަދު 1 ބިލިއަން ޑޮލަރު ހުރަސްކުރާނެކަން ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ދަޢުލަތުން ފޯރުކޮށްދޭ ސަބްސިޑީތައް ރިފޯމް ކުރުމާއި ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި ސިއްހީ ޚަރަދުގެ އެފިޝެންސީ އިތުރުކުރުމަށާއި ސްޓްރެޓެޖިކް އިންވެސްޓްމެންޓް ޕްލޭނިން ހަރުދަނާކުރުން ހިމެނޭ އިޤުތިޞާދީ އެޖެންޑާއަކަށް އަމަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަވަހަށް ތަންފީޒުކުރުމުގެ މަސައްކަތް ފަށާނެކަމަށް ޔަޤީންކުރާ ކަމަށް ބުނެފައެވެ.

އޭގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށާއި އިގްތިސާދުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށް އެ ދާއިރާއިން ވަޒީފާތައް އުފެއްދުމަށް ބާރު އެޅުމަށް ވެސް ވޯލްޑް ބޭންކުން ލަފާދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން