އިންޑިޔާ ސިފައިން ރާއްޖެއިން ބާލަން ސަރުކާރުން ވި ވައުދު ފުއްދައި ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން ފޮނުވާލައިފިއެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް މިހާރު ފުރާފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ކުރިއަށް އޮތްތަނުގައި ހާމަކުރަށްވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް މިހާރު ވަނީ ރާއްޖެ އިން ފޭބި އިންޑިޔާ ސިފައިން އެގައުމަށް އައިސްފައިވާކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު މިހާރު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް މިދިޔަ މާޗް މަހުގެ ކުރީކޮޅު ރާއްޖެ އިން ފައިބާފައިވާއިރު ދެވަނަ ބެޗް މިދިޔަ މަހުގެ ކުރީކޮޅު ރާއްޖެ ދޫކޮށް ވަނީ ގޮސްފައެވެ. ސިފައިން ބާލަން ރާއްޖެ އާއި އިންޑިޔާގެ އިސް އޮފިޝަލުންގެ މެދުގައި އެކި ފަހަރު މަތިން ވަނީ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ.

މިބައްދަލުވުންތަކަށް ފަހު ދިވެހި ޚާރިޖިއްޔާއިން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހައިލެވެލް ކޯރ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ޖޫން/ޖުލައި މަސް ތެރޭގައި މާލޭގައި ބޭއްވުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ސަރުކާރުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ވެސް ވަނީ ހާމަކޮށްފައެެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި އިންޑިއާ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން