ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ، ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްވަރު، ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ، އަންނަ ޖުލައި 10، ގެ ނިޔަލަށް ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ހުއްޓާލަން އަންގާފައެވެ. އެގޮތުން މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭ އިން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަން ކަމަށެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާ ހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މައުލޫމާތު ލިބެމުންދާ ކަމަށް އީޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މިމައްސަލަ އާއި ގުޅިގެން ބައެއް ފިޔަވަޅުތައް އެޅުމަށް އީޕީއޭ އިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ބިން ހިއްކުން، ފަޅު ކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުމާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އީޕީއޭއަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން ޖޫން 10، 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖައާކުރުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން