ޒަމާނީ ޓެކްނޯލޮޖީއާއެކު އިންސާނުންނަށް ލިބުނު އެންމެ ބޮޑު އެއް ފަސޭހައަކީ އަތުގެ މުލަށްދަޑިން ވާހަކަ ދައްކާލުމުގެ މަގު ފަހިވެގެން ދިއުމެވެ. އަތުގެ މުލަށްދަޑިން ވާހަކަ ދެއްކުމަކީ ފަހު ޒަމާނުގެ އަލާމާތެއް ކަމަށް އަޅުގަނޑުމެންގެ މާމައިން، ކާފައިން ބުނާތީ އަހަމެވެ. އެމީހުން އޭރު އެދެއްކި ވާހަކައަކީ މޮބައިލް ފޯނުގެ އީޖާދުގެ ވާހަކަކަން މިހާރު ޔަގީންވެއެވެ.

މޮބައިލް ފޯނުގެ މުއާސަލާތީ ޚިދުމަތަކީ މިގަރުނުގައި އިންސާނުން ހޯދި ވަރަށް ބޮޑު ކުރިއެރުމެކެވެ. މިދެންނެވީ މޮބައިލް ފޯނުގެ ޚިދުމަތަށް ގެނައި ވަރުގަދަ އިންގިލާބީ ކުރިއެރުމުގެ ވާހަކައެވެ. މިއަދު މޮބައިލް ފޯނަކުން ނުކުރެވޭނެ އެއްވެސް ކަމެއް ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މުވާސަލާތީ ހުރިހާ ޚިދުމަތެއް މޮބައިލް ފޯނުން ކުރުމުގެ އިތުރުން އިންސާނުން ދުނިޔޭގައި ފަސޭހަ ކަމާއެކު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެ ފޯނުން މިއަދު ލިބެއެވެ. ފާޚާނާކޮށް ފެންވެރުން ފިޔަވައި އެހެން ހުރިހާ ކަމެއް ފޯނުން ވެޔޭ މީހުން މަޖާޒީ ގޮތެއްގައި ބުނަނީ އެހެން ވެގެންނެވެ.

ފޯނު ރަނގަޅު ގޮތުގައި ބޭނުން ކުރުން

ހަގީގަތުގައި ބައެއް މީހުން މިހާރު ބުނަނީ މޮބައިލް ފޯނުން ފާޚާނާކޮށް ފެންވެސް ވަރާހެދޭ ކަމަށެވެ. އަދި ފޯނުން އެކަކު އަނެކަކު ލޯބިވެ ނޫނީ ހިތާވެގެން މާފޮޅުވުމުން ފެށިގެން ކައިވެނިކޮށް ދެމަފިރިކަމުގެ ގުޅުންވެސް ފޯނުން ހިންގޭ ކަމަށް ބައެއް މީހުން މިއަދު ގަބޫލުކުރެއެވެ. ފޯނުން ހިތާވެ، ލޯބިވެ، ލޯބީގެ ގުޅުންތައް ހިންގުމަކީ ހުޅަނގުގެ ތަރައްގީވެފައިވާ "ތަހުޒީބީ ދުނިޔޭގައި" ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމެކެވެ. އެއީ މިއަދު ބައެއް މީހުން އާމްދަނީ ހޯދަން ވެސް ކޮށް އުޅޭ ކަމެކެވެ.

އެކަމަކު މިދެންނެވި ފަދަ މުހުތާދެއް އޮވެގެން ފައިސާ ހޯދުމުގެ ނިޔަތުގައި ނޫނީ ހުޅަނގުގެ އެބުނާ "ނާ ތަހުޒީބު" ކުރިއެރުމުގެ ތެރޭގައި މޮބައިލް ފޯނު އެގޮތަށް ބޭނުން ކުރި ނަމަވެސް އަޅުގަނޑުމެން ދަންނަ ރަނގަޅު ތަހުޒީބީ ތަރައްގީގައި މޮބައިލް ފޯނަކީ އޭގެ ބޭނުން ނުބައި ގޮތުގައި ކޮށްފި ނަމަ މުޅި ހަޔާތުގައި އެކަމުގެ ނުބައި ލައްގަނޑު ޖެހިގެންދާނެ ކަމެކެވެ. އެހެންވީމާ އަތުގައި ކިތަންމެ މޮޅު ފޯނެއް އޮތަސް ކިތަންމެ އަވަސް އިންޓަރނެޓްގެ ޚިދުމަތެއް ލިބުނަސް އަދި ފޯނުގައި ކިތަންމެ މޮޅު ކެމެރާއެއް އިނަސް އެ ފޯނުގެ ބޭނުން ނުބައި ގޮތުގައި ކޮށްފިއްޔާ މުޅި އުމުރަށް ފޯނަކީ ތިމާގެ ބޮޑު ދުޝްމަނެއް ކަމުގައި ވެދާނެއެވެ.

ފޯނަކީ މުހިންމު ވަސީލަތެކެވެ. ފޯނުގައި ހިމެނޭ މޮޅު ކެމެރާއަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ފޯނު ބޭނުން ކުރައްވާށެވެ. މިއަދުގެ ހާލަތުގައި މޮބައިލް ފޯނާއި އެފޯނުން ލިބޭ ޚިދުމަތްތަކުގެ ހަގީގީ ބޭނުމާއި އޭގެ ހަގީގީ ފައިދާ ވަރަށް ރަނގަޅަށް ވިސްނޭނެއެވެ. ތިމާ ކިތަންމެ ދުރުގައި ވީ ނަމަވެސް އަދި މިއަދު ތިމާގެ އެކުވެރިންގެ ގާތަށާއި އާއިލާގެ މީހުންގެ ކައިރިއަށް ނުދެވުނު ކަމުގައި ވީނަމަވެސް ފޯނުން އެ ފަޅުކަން ނުވަތަ އެ އައިބުކަން ފިލުވައި ދެއެވެ. ގުޅުން ގާތްކޮށްދެއެވެ. ހަމައެހެންމެ ތިމާގެ ލޯބިވެރިޔާ ނުވަތަ ދުރުގައި ހުންނަ ފިރި މީހާ ނުވަތަ އަނބިމީހާއާ ގުޅުން ބޭއްވުމަށް ވެސް ފޯނުގެ ބޭނުން ކުރާށެވެ. މިއަދު އަތް ނުލެވޭކަށް އެކަންޏެވެ. އެހެން ހުރިހާ ގުޅުމެއް ބޭއްވޭނެއެވެ. އެކަމަކު ރަނގަޅު ގޮތުގައެވެ.

މޮބައިލް ފޯނު ގޯސްގޮތުގައި ބޭނުން ކުރުން

މޮބައިލް ފޯނު ގޯސް ގޮތުގައި ނުވަތަ ނުބައި ގޮތުގައި ބޭނުން ކުރުމޭ ބުނުމުން ސުވާލު އުފެދިދާނެ އެވެ. އެކަމަކު އެހެން މި ދަންނަވަނީ ކީއްވެގެން ކަން ކުރިއަށް ވަޑައިގެންނެވުމުން އެނގިވަޑައިގަންނަވާނެއެވެ.

ފޯނަކީ ތިމާގެ އަތުގައި އޮންނަ އެއްޗެކެވެ. މިއަދު ވަރުގަދައަށް ތަޅުލައިގެންނެވެ. ތިމާގެ ލޮލާއި މޫނާއި އިނގިލީގެ ނިޝާން ބޭނުން ކޮށްގެން ނޫނީ މިއަދު ތިމާގެ ފޯނު ހުޅުވައެއް ނުލެވެއެވެ. ދެން މިހާ ސަލާމަތީ ގޮތުން ވަރުގަދަ އެއްޗެއްގައި ހުންނަ މައުލޫމާތާއި ފޮޓޯ، ވިޑިއޯ ނުވަތަ ލިޔުންތައް ލީކްވަނީ ނުވަތަ ފަޅާއަރަނީ ނޫންނަމަ އެހެން މީހުންނަށް ލިބެނީ ކީއްވެގެން ކަމާއި މެދު ސުވާލު އުފެދިދާނެއެވެ.

ފޯނުގައި ރައްކާކުރެވޭ މައުލޫމާތު ލީކްވުން

ކުރިން ދެންނެވި ފަދައިން ފޯނުގައި މައުލޫމާތު ރައްކާކުރަނީ ވަރަށް ވެސް އިތުބާރާއި އެކުގައެވެ. ސަލާމަތީ ގޮތުން ހިތްހަމަ ޖެހޭވަރަށް ތަޅުލެވިފައިވާތީއެވެ. ތިޔަ ހީކުރެއްވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މިއަދު ކޮންމެ ސްމާޓް ފޯނެއްވެސް ފުރިހަމަ ވަނީ ޖައްވުގެ ތެރޭގައި ހުންނަ ސާވާއަކާއި ގުޅިގެންނެވެ. ފޯނު ގަނެގެން ފުރަތަމަ ހުޅުވާލާ ސެޓް ކޮށްލާއިރު މިދެންނެވި ސާވާއާއި ނުގުޅި ފޯނުގެ ޚިދުމަތްތައް އެންމެ ރަނގަޅަކަށް ނުލިބެއެވެ. ފޯނުގެ ތިޖޫރިއާއި އަލަމާރިތަކާއި ވަތްގަނޑުތައްވެސް ހުންނަނީ މިދެންނެވި ޖައްވުގައި ހުންނަ ސާވާގައެވެ. ނޫނީ ތިޖޫރީގައެވެ. އީމެއިލް އެޑްރެސް ބޭނުން ކޮށްގެން ނުވަތަ އެ ސާވާއަކަށް ޚާއްޞަ ދޮރަކުން ވަދެގެން ގޮސް ތިމާގެ ތިޖޫރިއާއި އަލަމާރިއާއި ސިއްރު ވަތްގަނޑުތައް ގާއިމު ކުރެވި ތަޅުދަނޑިތައް ލިބެނީ އެ ސާވާގައި ރަޖިސްޓްރީ ކުރުމުންނެވެ. އެއަށްފަހު ތިމާގެ ފޯނުގައި ރައްކާކުރެވޭ ހުރިހާ މައުލޫމާތެއް ރައްކާކުރެވޭނީ މިދެންނެވި ތިޖޫރީގައެވެ. ނޫނީ އެއާއި ލިންކް ވެގެންނެވެ. އޭގެ ތަޅުދަނޑި ތިމާގެ އަތުގައި އޮތެއް ކަމަކު އެއީ ހަމަ ވަގުން ވައްކަށްކުރާ އުސޫލުން ވަގަށް ވަދެ ވައްކަންކޮށް ހެދޭނެ ތިޖޫރިއެކެވެ. އެ ތިޖޫރީގެ ތަޅުދަނޑިއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

ދެން އޮތީ ފޯނުގެ ސްޓޯރޭޖްގެ ވާހަކައެވެ. ފޯނުގެ ސްޓޯރޭޖަކީވެސް މާކަ ރައްކާތެރި އެއްޗެއް ނޫނެވެ. ފޯނުން ފޮހެލާ ނުވަތަ ޑިލީޓްކޮށްލާ ބައެއް މައުލޫމާތު މިދެންނެވި ސްޓޯރޭޖުގެ ކަނެއްގައި ކޮންމެވެސް ގޮތަކަށް ރައްކާ ކުރެވިފައި ހުރެއެވެ. އެހެން ވީމާ ފޯނުގައި ހުންނަ މައުލޫމާތެއް ނުވަތަ ލިއުމެއް ފޮހެލާފައި ފޯނު އެހެން މީހަކަށް ދިނަސް ނުވަތަ ވިއްކާލިއަސް އެއީ އެހާ ރައްކާތެރި ގޮތެއް ނޫނެވެ.

ފޯނުގެ ކުރިމަތީގައި ބަރަހަނާ ނުވުން

ކުރިން ދެންނެވިހެން ފޯނަކީ ތިމާގެ ވަރަށް ގާތް އެކުވެރިއެކެވެ. އެންމެ އިތުބާރު ކުރެވޭ އެކައްޗެވެ. ހުރިހާ ސިއްރުތަކެއް ފޮރުވައިގެން ގެންގުޅޭ ތިޖޫރިއެވެ. އަމިއްލަ ޒާތީ ހުރިހާ މައުލޫމާތެއް އޭގައި ރައްކާކުރަނީ އެހާވެސް އިތުބާރު ކުރެވޭ ބައިވެރިއަކަށްވާތީއެވެ. އެކަމަކު އެއިތިބާރު ބިނާވެފައި އޮންނާނީ ތިމާ އެ ފޯނު ބޭނުންކުރެވޭ ގޮތެއްގެ މައްޗަށެވެ.

ފޯނުގައި ތިމާގެ ޒާތީ މައުލޫމާތާއި ފޮޓޯއާއި ވިޑިއޯ ރައްކާކުރަނީވެސް ވަރަށް އިތުބާރާ އެކުގައެވެ. އަދި ފޯނުން ތިމާގެ ލޯބިވެރިއާއަށް ނުވަތަ ފިރި މީހާ ނުވަތަ އަނބި މީހާއަށް ވިޑިއޯ ކޯލް ކޮށްލަނީވެސް އެ ގުޅާ މީހެއްގެ އިތުރުން ފޯނަށް ކުރެވޭ މާބޮޑު އިތުބާރެއްގެ ސަބަބުން ނެވެ. ފޯނުގެ ކުރިމަތީގައި ބޭނުން ގޮތަކަށް ފޮޓޯނަގައި ވިޑިއޯ ކޮށްލެވިދާނެއެވެ. އަމިއްލަ ޒާތީ ކަމެއް ކަމުގައި ގަބޫލުކުރެވިގެން ތިމާގެ ބަރަހަނާ މަންޒަރުތައްވެސް އެފޯނުގެ މޮޅު ކެމެރާއިން ކުރަހައި ލެވިދާނެއެވެ. ވިޑިއޯ ވެސް ކޮށްލެވިދާނެއެވެ.

ދެން މިވާގޮތަކީ ތިމާ އެންމެ ލޯބިވާ އެންމެ އިތުބާރު ކުރެވޭ މީހާއަށް އެފޯނުން ނެގި މިދެންނެވި ފޮޓޯތަކާއި ވިޑިއޯތައް ހިއްސާ ކުރެވެނީއެވެ. އެހާވެސް އިތުބާރު ކުރެވޭތީ އަދި ލޯބިވާތީ އޭނާ އެހާ ލޯބިން ދައްކާލަން ނުވަތަ ދޭށޭ ބުނާތީ ދެވެނީއެވެ.

ހަމަ އެގޮތަށް ކުރިން ދެންނެވިހެން އެކަކު އަނެކަކުގެ ގައިގައި އަތްނުލެވުނަސް ފޯނު ބޭނުން ކޮށްގެން ހުރިހާ ބޭނުމެއް ފުއްދޭތީ ނުވަތަ ފުއްދައި ދެވޭތީ ލޯބީގެ ޖަޒުބާތުގައި ޖެހި ލޯބީގެ އޮއިގަދަ ކަނޑަށް ޣަރަގުވެ ގޮސް ވާނުވާ ނޭނގޭ ހިސާބަށް ދެވި، ލޯބިވެރިއާއަށްޓަކައި ފޯނުގެ ކުރިމަތީގައި ބަރަހަނާ ވެސް ވެވެނީއެވެ. މިދެންނެވި ކެމެރާގެ ތެރެއިން އަނެއް ފޯނަށް އެދާ ވިޑިއޯގެ ރައްކާތެރި ކަމާއިމެދު އެއްވެސް ވަރަކަށް ވިސްނައެއް ނުލެވެއެވެ. އަދި ލޯބިވެރިއާއަށް އިތިބާރު ކުރެވޭލެއް ބޮޑުކަމުން ނުބައިކޮށް ނުވެސް ވިސްނެނީއެވެ.

މިއަދު އެ ކެމެރާގެ ތެރެއިން އެދާ ވިޑިއޯ ތިމާއަށް ނޭގި އަނެކާގެ ފޯނުގައި ރައްކާ ކޮށްލުމަކީ ނުހަނު ފަސޭހަ ކަމެކެވެ. ތިމާ މުވާސަލާތުކުރަން ބޭނުން ކުރާ އެޕަކީ ކިތަންމެ ރައްކާތެރި އަދި ރެކޯޑް ނުކުރެވޭނެކަން ކަށަވަރުކަން ލިބިދީފައިވާ އެޕަކަށް ވިޔަސް ވިޑިއޯ ސްކްރީން ރެކޯޑިންގ އެޕްތަކަކީ މިއަދު ފޯނު ގަނެ ސާވާއަށް ވަނުމާއެކު އޮޓަމެޓިކުން ވެސް އެޅޭ ގޮތަށް ހުންނަ އެޕްތަކެކެވެ. އެހެންވީމާ ތިމާ ދައްކާ ހުރިހާ ވާހަކައެއްވެސް އަދި ތިމާ ދައްކާލާ ހުރިހާ ވިޑިއޯ އެއްވެސް ފަސޭހަ ކަމާއެކު ވަގުތުން އަނެކާއަށް ރެކޯޑްކޮށްލެވޭނެކަން ހަނދާނުގައި ބަހައްޓާށެވެ.

މޮބައިލް ފޯނަށް ކިތަންމެ އިތުބާރު ކުރެވުނަސް އަދި ތިމާގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާއަށް ކިތަންމެ އިތުބާރު ކުރެވުނަސް ފޯނުގައި ހުންނަ އެފަދަ ފޮޓޯއެއް ވެސް އަދި ވިޑިއޯއެއްވެސް ހިއްސާ ނުކުރާށެވެ. އަދި ކިތަންމެ ލޯބިވިޔަސް ކިތަންމެ އިތުބާރު ކުރެވުނަސް އަދި ގުޅައިގެން ހުންނައިރު ލޯބީގެ ޖަޒުބާތުތައް ބަންޑުންވެ ހިއްސުތައް ފަޅައިގެން ދާވަރު ވިޔަސް ފޯނުގެ ކުރިމަތީގައި، ކެމެރާގެ ކުރިމަތީގައި ބަރަހަނާ ނުވާށެވެ. އެހާ އިތުބާރު ނުކުރާށެވެ. ވަރަށް އަވަހަށް ބޭޒާރުވާނެއެވެ. ބައެއް ފަހަރު ބޭޒާރު ކުރަނީއަކީ ނޫނެވެ. ކޮންމެވެސް ގޮތަކުން އެހެން މީހެއްގެ އަތަށް އަރައިގެން ބޭޒާރު ވަނީއެވެ. ފޯނުންވެސް އަދި ކުރިން ދެންނެވި ސާވާގެ ތެރެއިންވެސް ވަގަކު ދަމައިގަންނަނީއެވެ.

އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ހަމަ ފޯނުގެ ކުރިމަތީގައި ބަރަހަނާ ނުވުމެވެ. ތިމާ އެހެން މީހަކަށް ނުވަތަ ހިލޭ މީހަކަށް ދައްކަން ބޭނުން ނުވާ އެއްވެސް ގުނަވަނެއް ފޯނަށް ނުދައްކަން ވީއެވެ. ކެމެރާއަށް ސިއްރު ކުރަންވީއެވެ. ހަމައެކަނި ތިމާގެ ފޯނާއި ތިމާގެ ފޯނުގެ ކެމެރާއަކަށް ނޫނެވެ. އެހެންމީހުންގެ ފޯނަށާއި އެހެން މީހުންގެ ފޯނުގެ ކެމެރާއަށްވެސް ނުދައްކަން ވީއެވެ.

އަމިއްލަ އަށް އަތުންފައިން ގޯސް ނުހަދަން ވީއެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ބޭޒާރު ވުމަށްފަހު މޫނު ފަރުދާ ކޮށްގެން ސިއްރުކޮށްގެން އަބަދަކު ނޫޅެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން