ކަަލަކު ވޮޑިގެންވުމާމެދު ޝައްކުތައް އުފައްދާ މީހުން ގިނަވެއްޖެ ކަމަށާއި ނަމަވެސް އެފަދަ މީހުންގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިތުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެއް ކަމަށެވެ.

ހަމަ އެހެންމެ އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހޯދުންތަކަށް ނަޒަރު ހިންގާލާއިރު ވެސް ބޮޑެތި ހަޟާރާތްތަކުން ފެށިގެން ގޮސް ފަރުބަދަތަކުގެ ހޮހަޅަތަކާއި ޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ހަޟާރާތްތަކާ ވަކިވެފައިވާ ގަބީލާތަކަށް ބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައިވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައިކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

އެކަމަކު މިހާރަކަށް އައިސް އެކަން ބަދަލުކުރަން މަސައްކަތް ކުރަމުންދާކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

"މާތް ﷲ ލައްވާފައިވާ ފިތުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ހަގީގަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައެވެ. އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައްކަން ހުތުބާގައި ބުނެފައި ވެއެވެ.

އަދި ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާގަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލެއް ނުކުރާކަމަށް ވެސް ބުނެފައި ވެއެވެ.

"އަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންނެވެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން