މިއަހަރުގެ މިހާތަނަށް ދަޢުލަތަށް ލިބުނީ 11.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދަޢުލަތުގެ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަޢުލަތުގެ އާމްދަނީ ވަނީ 3.7 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތަށް ލިބުނު އާމްދަނީއަކީ 10.7 ބިލިއަން ރުފިޔާއެވެ.

މިއަހަރު މިހާތަނަށް ޓެކްސްގެ ގޮތުގައި ދަޢުލަތަށް 9.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ އިތުރުން އެހީގެ ގޮތުގައި 51.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރު ދަޢުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކޮށްފައި ވަނީ ޖީއެސްޓީންނެވެ. އެއީ 5.1 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. އެއީ 3.7 ބިލިއަން ރުފިޔާ އެވެ. އޭގެއިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހަމައެއާއެކު ގްރީން ޓެކްސްގެ ގޮތުގައި 374.8 މިލިއަން ރުފިޔާ އާއި، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 348.5 މިލިއަން ރުފިޔާގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 700 މިލިއަން ރުފިޔާ ދަޢުލަތަށް ލިބިފައިވެއެވެ.

އޭގެއިތުރުން، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތަކަށް 12.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށްވެސް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން