ރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާގެ އެހީ ލިބޭނެކަމާމެދު ޝައްކެއް ނެތްކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެން ދެއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަމާއި ތަރައްގީއަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮއްދީ ވަރަށް ބޮޑު ބައިވެރިވުމެއް އޮތް ގައުމެއް ކަމަށެވެ. އަދި ރާއްޖެ ލީސްޓް ޑެވެލޮޕްޑް ގައުމަކުން ޑެވެލޮޕިންގ ގައުމަކަށް ކުރި ދަތުރުގައި ހުރިހާ މަރުހަލާއެއްގައި އެންމެ ގާތުން އަދި ގިނަ ދުވަސް ވަންދެން އެހީތެރިވަމުން އައީ އިންޑިއާ ކަމަށެވެ. ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގައިވެސް އެމެރިކާފަދަ ގައުމުތަށް ކައިރީގައި ތިބި އިރުވެސް ފުރަތަމަ އެހީ ވީ އިންޑިއާއިން ކަން ޒަމީރް ފާހަގަކުރެއްވިއެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް ހޫނު މަރުހަބާއެއް އިންޑިއާއިން ދެންނެވި ކަމަށްވެސް ޒަމީރް ވިދާޅުވިއެވެ. އިންޑިއާގެ އެކްސްޓާރނަލް އެފެއާރޒް މިނިސްޓަރާއި ބައްދަލުވުންތައް ބާއްވައި ކުރިޔަށް ދާނޭ މަގުތައް ރާވާ މަޝްވަރާތައް ކުރިޔަށް ގެންދިޔަކަމަށް ޒަމީރް ވިދާޅުވިއެވެ. އިންޑިއާ އާއި އޮތް ގުޅުން ހީނަރު ވާނޭ ގޮތަށް ސިޔާސަތުތަށް ބައްޓަން ނުކުރާނޭކަމުގެ ޔަގީންކަން ޒަމީރް ދެއްވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފައެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ކުރީ ސަރުކާރުން ގެންގުޅުނު އިންޑިއާ ފަސްޓް ޕޮލިސީއަށް މި ސަރުކާރުން ބަދަލު ގެނައުމުންނެވެ. ނަމަވެސް އިންޑިއާއަކީ ވެސް ރާއްޖެއަށް މުހިންމު ގައުމެއް ކަމަށް ސަރުކާރުން ދަނީ ބުނަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން