ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ބިޔަ ދެ މަޝްރޫއެއް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެގޮތުން އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ މިއަދު ހަވާލުކުރީ ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހޯރަފުށީ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތަރައްގީ ކުރުމަށެވެ.

މީރުމާ ހޮޓެލްސްގައި މިއަދު ބޭޢްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަަސްވުމުގައި އިިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މުހައްމަދު ސައީދު ސޮއި ކުރެއްވިއިރު އިފްޒާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން މާޓިން ޕެޑަސަން އެވެ.

ފުނަދޫގައި ފައިނޭންޝިއަލް ސެންޓަރެއް ގާއިމުކުރާއިރު މިހާރު އެ ރަށަކީ ތެޔޮ ރައްކާ ކުރާ ރަަށެކެވެ. އެހެންވެ މިހާރު ފުނަދޫގައި ހުރި އެސްޓީއޯގެ ފިއުލް ޓޭންކްތައް މާލެ ކައިރި އެހެން ފަޅަކަށް ބަދަލުކުރަން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

"މާލެ ކައިރި އެހެން ފަޅަކަށް ތެލުގެ ސްޓޯރޭޖް ބަދަލުކުރުމުގެ މަސަައްކަތް އެބަ ކުރިއަށްދޭ. އޭރުން ފުނަދޫ ހުސްކުރެވޭނެ. ހުސްކުރެވުނީމަ ފުނަދޫގައި ފައިނޭންޝިއަލް ސެންޓަރު، އެއާޕޯޓް އިކޮނޮމިކް ޒޯން ބިލްޑިން އެޅުމުގެ މަސައްކަތް ފެށޭނެ." ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ ފައިނޭންޝިއަލް ސެންޓަރު ފަސް އަހަރުގެ ތެރޭގައި އަޅާ ނިމޭނެ ކަމަށެވެ. އަދި މިއަދު ސޮއިކުރި ދެ އެމްއޯޔޫއާއެކު ރާއްޖޭގެ އިގުތިސާދު އިތުރަށް ފުޅާވެގެން ވެސް ދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ހަމައެއާއެކު ހޯރަފުށީ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ދަށުން އިންޑަސްޓްރިއަލް، ފައިނޭންޝަލް އަދި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކެއް ތަރައްގީ ކުރާނެ ކަމަށްވެސް ސަޢީދުވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން