ކެރަލާއަށް ޖައްސަން މަސައްކަތްކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

މިހާދިސާއާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހުމް މުހައްމަދު ޞާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޭ ހިނގި މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް ތަޢުޒިޔާ އަރިސްކުރާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މަތިންދާ ބޯޓު ވެއްޓި، 17 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި އެ ބޯޓުގެ ޕައިލެޓުން ވެސް ހިމެނެއެވެ. މިހާދިސާގައި 123 މީހަކު ޒަޚަމްވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.އަދި 13 މީހަކަށް ފަރުވަދެނީ ސީރިއަސް ހާލުގައި ކަމަށެވެ.

ފުލުހުންނާ ހަވާލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްލައިޓް ނަމްބަރ އޭއެކްސްބީ 1344، ކޯޒިކޯޑް ވައިގެ ބަނދަރަށް ޖައްސަން އުޅުނީ ވާރޭވެހެމުންދަނިކޮށެވެ. މި ބަނދަރަކީ ހަމަ ބިމަށްވުރެ މަތީގައި ހަދާފައި އޮންނަ ވައިގެ ބަނދަރެކެވެ. ރަންވޭއަށް ޖައްސަން އުޅެނިކޮށް ބޯޓު ރަންވޭއިން ކަހާލައިގެން ތިރީސް ފަސްފޫޓު ތިރިއަށް ވެއްޓި ދެބުރިއަށް ބުރިވީ ކަމަށް ފުލުހުންނާ ހަވާލާދީ ސީއެންއެންގައި ރިޕޯޓްކޮށްފައި ވެއެވެ.

ރޭ އިރާކޮޅު ހިނގި މިހާދިސާގައި ފްލައިޓް ކައްސާލައިގެން ވެއްޓުނު ނަމަވެސް ބޯޓުގައި އެއްވެސް ވަރަކަށް އަލިފާން ރޯވެފައި ނުވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން