ޝަރުއީ ދާއިރާ މިނިވަންކަން، ރައްޔިތުންގެ އިތުބާރުހިފޭ ޝަރުއީ ނިޒާމެއް ޤާއިމްކުރައްވާނެކަމަށް ވިދާޅުވެ ވެރިކަމަށް އައި މީހުން މިއަދު ވަނީ ކޯޓްތަކަށް ހަތަރެސް ފަޔާ ބޮލާ ލޯވެސް ބާނާފައިކަމުގައި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާތީ އެކަމަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ ޝަރުއީދާއިރާގެ މިނިވަންކަން އޮތް މިންވަރު މިކަމުން ހާމަވާކަމަށެވެ. އަދި މިއީ އެ ހުކުމް ކުރުމުގެ އިނާމެއްގެ ގޮތުން އަލީ ރަޝީދަށް ދެއްވި ހަދިޔާއެއްކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ސާލިހުގެ މިނިންމެވުމުންވެސް ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ސާލިހު ނުފޫޒު ފޯރުވި މިންވަރު ޔަގީންވެގެން ދިޔަކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ހައިލަމްއެވެ. ނަމަވެސް މިދިޔަ އަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމްގެ މައްސަލަ ބަލާ ހައިލަމް ކުރެއްވި އަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށް ނިންމިއެވެ. އަދި އެއާއިއެކު ހައިލަމް މަގާމުން ވަކި ކުރެއްވުމަށް ނިންމިއެވެ. އޭގެކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

"ރައީސް ޔާމީނަށް ނުޙައްގު ޙުކުމެއް ކުރުމުގެ އިނާމަކަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދަށް ދިނުމަށް ރައީސް ޞާލިޙު ނިންމެވުމުން ޔަގީން ވެގެން މި ދިޔައީ ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ޞާލިޙު ނުފޫޒު ފޯރުވި މިންވަރު." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހުރިހާ ކަމަކީވެސް ރައީސް ނަޝީދާއި ރައީސް ޞާލިހު ގުޅިގެން ހިންގާ ރޭވުންތެރި ކަންތައްތަކެއް ކަމަށް އަބްދުއްރަހީމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އޭނާވިދާޅުވީ ބައެއް ފަރާތްތަކުން ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދުގައި ބޮޑު ތަޅާފޮޅުމެއް އޮތްކަމަށް ހަދަން އުޅުނަސް އެއީ އެއްވެސް ހަގީގަތެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް ސޯލިހަކީ 2 ހަށިގަނޑެއްގައި އޮތް އެއް ފުރާނައެއް ކަމަށް އަބްދުއްރަހީމް ވަނީ ސިފަކުރައްވާފައެވެ. ސްޕްރީމް ކޯޓުގެ ހުސްވެފައިވާ މަޤާމަށް ފޮނުވި ނަންތަކަށް އެކަނި ބަލައިލުމުންވެސް އެބޭފުޅުން ޝަރުއީ ދާއިރާއާއި ކުޅެން ބޭނުންވާ މިންވަރުސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޞާލިޙުގެ މި ނިންމެވުމުން ޔަގީން ވަނީ، ރައީސް ޔާމީނަށް ނުޙައްގުން ގަޞްދުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ޞާލިޙުކަން. އަދި މި ސަރުކާރުން ކޯޓުތަކަށް ހަތަރެސް ފަޔާ ބޮލާ ލޯވެސް ބާނާފައިވާކަން." އަދުރޭ ވިދާޅުވިއެވެ.

ސުޕްރީމްކޯޓުގެ ބެންޗް 7 ފަނޑިޔާރުންނަށް އިތުރުކޮށް ކޯޓުތަކުގެ ޤާނޫނަށް ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފައި ވަނީ 2019ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހެވެ.

ސުޕްރީމް ކޯޓުގައި މިހާރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ރާފަޅާ

09-Aug-2020

ކަލޭމެން ސިޔާސީ ގުންޑާތަކުގެ ޙާލަކީ ތިއީ. ކަލޭމެންގެ ތެރެއަކު ނެތް ރަނގަޅީ މިވެނި މީހެކޭ ބުނާނެ އެއްގޮލާވެސް. ހުސް އެއްކަހަލަ ލަދު ޙަޔާތްކެނޑި އަޚުލާޤެއް ތަޢުލީމެއް ނެތް ކޮހުން



ޓްރެންޑިން