ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲގެ މައްސަލަ ބެލުމުގައި އިންސާފު ގާއިމްވެފައި ނުވަނީ ސަރުކާރުގެ މުއައްސަސާތައް ފެއިލްވުމުން ކަމުގައި ރިޟުވާންގެ އާއިލާއިން ބުނެފިއެވެ.

ރިޟުވާންގެ ހަޔާތުގެ މައްޗަށާއި، އޭނާ ގެއްލުވާލި ހާދިސާއާއި މައްސަލަ ހިނގަދިޔަ ގޮތަށް ބަލާލައި ޝަހިންދާ އިސްމާއިލް ލިޔުއްވާފައިވާ ބައޮގްރަފީ ނެރުމަށްފަހު ރާއްޖެ ޓީވީގައި ވާހަކަ ދައްކަމުން ރިޟުވާންގެ ދައްތަ ޝެހެނާޒް އަދުނާން ބުނީ މިމައްސަލާގައި އަދި ވޭތުދިޔަ ތަނުގައި ބައްދަލު ނުކުރާ ވެރިއެއް އަދި ނުދާ މުއައްސަސާއެއް ނުހުންނާނެ ކަމަށެވެ.

ރިޟުވާންގެ މައްސަލައަށް އިންސާފު ނުލިބި ދިގުލައިގެންދާތީ އެކަމާއި ގުޅޭގޮތުން ރިޟުވާންގެ ދައްތަ ޝެހެނާޒް ބުނީ މައްސަލައަށް ހައްލެއް ނުލިބެނީ މުއައްސަސާތައް ފެއިލްވެފައިވާތީ ކަމަށާއި، ހާއްސަކޮށް ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާ ކަމަށެވެ. އޭނާ ބުނީ ފުލުހުންގެ މުއައްސަސާ އަށް އެއްވެސް އިތުބާރެއް ނުކުރާ ކަމަށެވެ.

ޝެހެނާޒް ބުނީ މި ކަމުގައި ކަމެއް ކޮށްދެވޭނީ ސަރުކާރަށް ކަމަށާއި، ސަރުކާރުން މަސައްކަތްތަކެއް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރިޟުވާނަށް އިންސާފު ހޯދައި ދިނުމަކީ ނިކަމެތިންނަށް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް ވީ ނުވީއެއް ހޯދައި އެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް މަރަކަށް އިންސާފު ހޯދައި ނުދެވޭ ކަމަށް އެއާއިލާތަކުން ފާހަގަ ކުރެއެވެ. ވަކިވަކި މަރުތަކަކާއި ގުޅިގެން ކޮމިޝަނުން ރިޕޯޓްތަކެއް އެކުލަވާލި ކަމުގައި ވީނަމަވެސް އެއްވެސް މީހަކަށް ދައުވާ ކުރެވޭ ވަރަށް އަދި ހެކި ހޯދިފައެއް ނުވެއެވެ.

ކޮމިޝަންގެ މަސައްކަތްތަކާއިމެދު ގިނަބަޔަކު އުންމީދު ކަނޑާލާފައިވާއިރު، ގިނަ މީހުން ބުނަމުންދަނީ މަރު ކޮމިޝަނުން އެތައް ބަޔަކު ނުރައްކަލަށް ވައްޓާލުމަށްފަހު މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި ކޮމިޝަނަކީ މިފަދަ މައްސަލަތައް ބެލޭ ވަރުގެ ގާބިލުކަން ހުރި ކޮމިޝަނެއް ނޫންކަމަށްބުނެ ސިޔާސީ އިދިކޮޅު ފަރާތްތަކުންވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން