ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ގެތަކާއި މުވައްސަސާތަައް ދިއްލުމުގެ މުބާރާތެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

"އައްޑޫ އީދި ސަމާ 1445"ގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކުރާ އެ ހަރަކާތް 7 ދުވަހަށް ބަހާލައިގެން އެ ސިޓީގެ ހަ އަވަށުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ގޭބީސީއަކުން އެއްފަރާތަކަށް ކަމަށާއި އަދި ކޮންމެ ގޭބިސީއެއްގެވެސް ދޮރުމައްޗަށްވާ ސަރަހައްދު ރައްޔިތުންނަށް ފެންނާނެހެން، ރާއްޖޭގެ ޢީދުގެ ސަގާފަތާއި، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެ ކަމަށް ބުނެފައި ވެއެވެ.

ގޭބިސީތަކުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް 15،000، ދެވަނަ އަށް 10،000 އަދި ތިންވަނަ އަށް ހޮވޭ ގޭބިސީއަކަށް 5000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ހަމަ އެހެންމެ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނުގެ ތެރެއިން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް 10،000، ދެވަނަ އަށް 7500 އަދި ތިންވަނަ އަށް ހޮވޭ ގޭބިސީއަކަށް 5000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެ މުބާރާތުން ވަނަތައް ހޮވާނީ ސޯޝަލް މީޑިއާއިން ލިބޭ ލައިކް އަދި ހާރޓް ރިއެކްޓްތަކަށް 80 އިންސައްތަ މާރކްސް އަދި ފަނޑިޔާރުންގެ ޕެނަލްގެ 20 އިންސައްތަ މާރކްސް އަށް ބަލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން