ތިލަފުށީގެ ފޭސް އެކަކުން ބިން މިލްކުކުރަން ބޭނުންނަމަ ސިޓީއަކުން އެކަން ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.

ތިލަފުށީގެ ފުރަތަމަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ކަނޑައަޅާފައިވާ ބިންތައް ވިއްކުމަށް ހުޅުވާާލީ މި މަހުގެ ދެވަނަ ދުވަހު އެވެ.

އޭރު އެކަން އިއުލާންކުރި އިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެހޭނީ ފޯމެއް ފުރައި އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓަށް އީމެއިލް ކުރުމަށް ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް މިއަދު އެޗްޑީސީން ބުނީ އެ އިއުލާނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ދެން ޖެހޭނީ ސިޓީއަކުން އެކަމަށް އެދި މެއިލް ކުރުމަށް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ތިލަފުށީގެ 1 ވަނަ ފިޔަވަހިން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ފުޅިއަށް ގޭސް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން