މިސަރުކާރުން ރާއްޖޭގައި އިންސާފު ޤާއިމްކުރުމަށް ބޭނުންވި ހުރިހާ ބާރަކާއި އިޚްތިޔާރެއް ދިވެހި ރައްޔިތުން ދީފައިވާކަމަށާއި، މައްސަލަތައް ނުބެލި އިންސާފު ގާއިމް ނުކުރެވުމުގައި ދެއްކޭނެ ބަހަނާއެއް ނެތްކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ގެއްލުވާ ލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މައްސަލާގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ ވަކި ބަޔަކު ފެއިލްވެޖެކަމަށްބުނެ އެމައްސަލައިގައި އިންސާފު ގާއިމް ނުކުރެވުނުކަމަށް "އީވާމެން" ވިދަޅުވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. މަޖިލީހާއި، ސަރުކާރާއި ޖުޑިޝަރީވެސް ބޭނުންގޮތަކަށް ގެންދިއުމަށް ރައްޔިތުން ދީފައިވާއިރު މިފަދަ ކަންކަމުގައި ބަހަނާ ނުދެއްކޭނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު، ޗެއަރމަން ޖާބިރުގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އިންސާފު ހޯދައި ދިނުމުގައި ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ މައްސަލަތަކަކީ ހަމައެކަނި ހޭޝްޓެގެއްކަމަށް ދައްކައި މައްސަލައަށް ވާސިލު ނުވުމަށް ދައްކާ ބަހަނާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަަމަށް ދިޔާނާ ވިދާޅުވިއެވެ.

"ތިޔަވަރަކުން ނުފުދޭނެ، ކަމަނާ. އެދިވަޑައިގަތް ހުރިހާ ބާރެއް ރައްޔިތުން ވަނީ އަރުވާފަ. އިންސާފު ހޯއްދަވައި ދެއްވުމުގައި ފަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ރިޟުވާނަކީ ހޭޝްޓެގެއްނޫން. އެއީ ދައުލަތުގެ މައްޗަށް އޮތް އިލްޒާމެއް. އިންސާފު ކަށަވަރު ކޮށްދެއްވާ." ދިޔާނާ ވިދާޅުވިއެވެ.

ރިލުވާން ގެއްލުވާލީ މީގެ ހަ އަހަރު ކުރިން އަށެއް އޮގަސްޓު 2014 ގައެވެ. އޭރު އޭނާގެ އުމުރުން އެންމެ 28 އަހަރެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ. އޭގެ ފަހުން ފުލުހުން މައްސަލައިގައި ކުރި ތަހުގީގުގައި އޭނާގެ ފަސް ފަހަތުން ބަޔަކު ފާރަލަމުން ދިޔަކަން ފުލުހުން ސީސީޓީވީ ފުޓޭޖް ތަކުން ފެންނަކަމަށް ބުނެ ފުލުހުން ވިޑިއޯތަކެއް ވެސް އާންމު ކުރިއެވެ.

ރިލުވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ރިލުވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށްފައެވެ.

ރިލުވާންގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ އޭނާ މާލެއިން ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރީ ކަމަށެވެ. އަދި ޑިންގީއަކަށް އަރުވައިގެން އޭނާ އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ރިލުވާންގެ މައްސަލާގައިވެސް އަދި އެހެން މަރެއްގެ މައްސަލާގައިވެސް މިސަރުކާރުން އެކުލަވާލި ކޮމިޝަނަށް ރިޕޯޓްތަކެއް ނެރުން ފިޔަވައި ވީ އެއްވެސް ކަމެއްނެތް ކަމަށް ބުނެ މި ރިޕޯޓްތަކާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން