ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލަމުންދާކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ތައްޔާރު ކުރާ ދުރުރާސްތާ ޕްލޭންގައި ހިމެނުމަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި މަޝްވަރާ ކުރަމުން ދާ ކަމަށެވެ. އެގޮތުން މިހާރު އެކި ކުޅިވަރު އެސޯސިއޭޝަންތަކާއި ވަކި ވަކިން ބައްދަލުކޮށް މި ޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ސާރވޭއެއް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މި ސާރވޭ އަކީ 22 ގަނޑުގެ ސާރވޭ އަކަށްވުމުން ވަގުތު ނަގާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ވިދާޅުވީ މި ޕްލޭނަށް ބޭނުންވާ ސިޔާސަތުތަކާއި އޮނިގަނޑުތައް މިހާރު އެކުލަވާލައިފައިވާކަމަށެވެ. އަދި މި ޕްލޭން އަކީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބިނާކުރެވުމުންދާ ޕްލޭނެއް ކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އެކިކަހަލަ ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ކުޅިވަރު ކުރިއެރުވުމަށް ތައްޔާރުކުރާ ދުރުރާސްތާ ޕްލޭނަކާއެކު މިލަނޑުދަނޑި ހާސިލުކޮށް ރާއްޖޭގައި ކުޅިވަރުތަށް ކުރިއަރައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އަދި އެތްލީޓުން ބިނާކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ އެތުލީޓުން ކުރިއަރައިގެންދިއުމުގެ ފުރުސަތު މިހާރަށް ވުރެއް ބޮޑުވެގެންދާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން