މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރި ރިޔާސީ ކޮމިޝަންގެ ހޯދުންތަކުގެ ތެރެއިން ސިއްރު ނުކުރާނެ މަޢުލޫމާތުތައް ގުޅުންހުރި އާއިލާ ތަކާ ހިއްސާ ކުރާނެކަމަށް ކުރީ ސަރުކާރުން އެކުލަވާލި މަރު ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެއްލުވާލާފައިވާ އަހުމަދު ރިލްވާން އަބްދުﷲ އާއި މަރާލާފައިވާ ޔާމީން ރަޝީދުގެ އާއިލާއިން، އެ މައްސަލަތަކާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ރަސްމީ ރިޕޯޓްތައް ހޯދުމަށް ބޭނުންވާކަން އެނގޭކަމަށާއި، އަދި މި މައްސަލަތަކުގެ ތަހުގީގުން އެއްކުރެވިފައިވާ ހޯދުންތަކުގައި ގިނައީ ކޮންފިޑެންޝިއަލް މަޢުލޫމާތު ކަމަށެެވެ. ނަމަވެސް ކޮމިޝަނުން ގަސްތުކުރަނީ 31 މެއި 2024 ގެ ކުރިން ސިއްރުކުރަންޖެހޭ މަޢުލޫމާތު ސިއްރު ކުރުމަށްފަހު ރިޑެކްޓް ކުރެވިފައިވާ ރިޕޯޓްތަކެއް ނިންމުމަށްކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.

އެކޮމިޝަނުން ބުނީ ގާނޫނީ ގޮތުން ލާޒިމުކުރާ އުސޫލުން އެކޮމިޝަނުގެ ހުރިހާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާއިރު، ސިއްރުކުރަންޖެހޭ މަޢުލޫމާތު ސިއްރު ކުރުމަށްފަހު ރިޑެކްޓް ކުރެވިފައިވާ ރިޕޯޓްތައް އާންމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާނެކަމަށެވެ.

މީގެއިތުރުން، އެކޮމިޝަނުގެ ހުރިހާ ލިޔެކިޔުމަކާއި ރިކޯޑްތައް، އޭގެ ސިއްރުތައް ހިފެހެއްޓޭނެކަން ކަށަވަރުވާނެ ގޮތަށް ރައީސް އޮފީހާ ހަވާލުކުރުމަށް ތައްޔާރުވަމުން ދާކަމަށްވެސް މަރުކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އެކޮމިޝަނުން ބުނީ ސިއްރުކުރާ ހޯދުންތަކަކީ، އެ މަޢުލޫމާތުތަކުގެ ސެންސިޓިވްކަމަށް ބަލައި ސިއްރުކޮށްފައިވާ މަޢުލޫމާތުތައް ކަމަށެވެ.

މަރުކޮމިޝަނުން މިކަންކަން ބަޔާނޮށް ބަޔާނެއް ނެރިފައިވަނީ، ކޮމިޝަންގެ ހޯދުންތައް އަނިޔާވި މީހުންގެ އާއިލާތަކާއި އާއްމުންނަށް ހާމަކުރަން ޖަމިއްޔާތަކަކުން މިއަދު ގޮވާލާފައި ވަނިކޮށެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަކީ ކުރީ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް އުފެެއްދެވި ކޮމިޝަނެކެެވެ. އެ ކޮމިޝަން އުފެއްދުމަށް ފަހު، އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމިޝަންގެ ތަހުގީގުތައް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް މަރުކޮމިޝަނުން މައްސަލަތައް ބަލައި އޭގެ ރިޕޯޓުތައް ހާމަކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން