2027 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަކީ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ކޮންމެ އަހަރަކުވެސް ދައުލަތަށް ލިބެނީ 4.5 ބިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމެންވާއިރަށް ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ފަތުރުވެރިކަމުގެ ދާއިރާއިން ހޯދުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތް 2027 ވަނަ އަހަރު ނިމެންވާއިރު 6 ބިލިއަން ޑޮލަރު ދިވެހި ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތުގެ ބަޖެޓަށް އަޅުގަނޑުމެން ވައްދާނެ ކަމަށް، އެހެންވީމަ އެއީ އަމާޒެއް އެ އަމާޒަށް ވާސިލްވުމަށްޓަކައި މިނިސްޓްރީ އާއި އިންޑަސްޓްރީގެ ފަރާތްތަކާއެކު އެކަށީގެންވާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން، ކުރެވުނީމަ އަޅުގަނޑުމެންނަށް މި ޓާގެޓް ހާސިލް ކުރެވޭނީ،" ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ބޭރުގެ އެކި ފެއާތަކުގައި ރާއްޖެ ތަމްސީލްކޮށް އިސްތިހާރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ފައިސަލް ވިދާޅުވީ މިއަހަރު މިހާތަނަށް 8 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމެންވާއިރަށް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ރާއްޖެއަށް އާވައްތަރުގެ ފަތުރުވެރިކަން ތައާރަފްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެެވެ. އެގޮތުން ހެލްތު ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރުމަށް ރައީސް އިސްކަންދެއްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަފާރީ އާއި ޔޮޓްގެ އިންޑަސްޓްރީއަކީ ވަރަށް ފުޅާކޮށް ރާއްޖޭގައި ހިންގަމުން ގެންދާ ކަމެއް ކަމަށެވެެ. އެހެންކަމުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ސަފާރީއާއި ޔޮޓް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"ސަފާރީ އާއި ޔޮޓް ވެސް މާކެޓް ކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީ މެދުވެރިކޮށް ވަރަށް ހާއްސަ އިސްކަމަކާއި އަހަމިއްޔަތުކަން ދީގެން އެމަސައްކަތް ކުރާނަން، އެބޭފުޅުންނާއި ކުރިއަށް އޮތްތަނުގައި އެބޭފުޅުން ހުރި ކަންބޮޑުވުންތައް އަޑުއަހައިގެން ބޭނުންވާ ގޮތަށް އެމަސައްކަތް ޓޫރިޒަމް މިނިސްޓްރީން އެމްެއެމްޕިއާރުސީ މެދުވެރިކޮށް މާކެޓް ކުރުމާއި ދެން ހުރި ދަތިތައް ވެސް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރާނަން،" ފައިސަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން