ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި އެއާއެކު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައި ބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މެލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމަަށް ވެސް މެޓް އޮފީހުން ބުނެއެވެ.

"ވީމާ ހުރިހާ ފަރާތްތަކަކުން ވެސް، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދަންނަވަމެވެ." މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މި ފަހަކަށް އައިސް މޫސުން ދަނީ ވަރަށް ތަފާތުކޮށެވެ. އެގޮތުން ބައެއް ދުވަސްތަކުގައި އިންތިހާއަށް ހޫނު ގަދައިރު އަނެއް ބައި ދުވަސް ދުވަހު ވަރަށް ބޯކޮށް ދަނީ ވާރޭ ވެހެމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން