މާފުށީ ޖަލު
މާފުށީ ޖަލު
މިދިޔަ މަހު އެންމެ ގިނަ ބަޔަކަށް ހުކުމްކޮށްފައި ވަނީ ފޭރުމުގެ މައްސަލަތަކާއި ގުޅިގެން ކަމަށް ކަރެކްޝަންސް އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަރެކްޝަންސް އިން އާންމުކުރި ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަމަހު ހުކުމް ކުރި މީހުންގެ 43.75 އިންސައްތައަކީ ފޭރުމުގެ މައްސަލަތަކާއި ގުޅިގެން ހުކުމް ކޮށްފައިވާ މީހުންނެވެ. އަދި 37.5 އިންސައްތަ މީހުންނާއެކު ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮރަޕްޝަނާއި އޮޅުވާލުމުގެ ކުށްތަކުގައި ޖަލަށް ލުމަށް ހުކުމްކުރީ އެންމެ 6.25 އިންސައްތަ މީހުންނެވެ. އަދި ނުކިޔަމަންތެރިވުމާއި މަނާ ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ މައްސަލަ ތަކުގައި ވެސް ޖަލަށް ހުކުމް އިއްވާފައި ވަނީ 6.25 އިންސައްތަ މީހުންނަށް ކަމަށް ވެސް ކަރެކްޝަންސް އިން ބުނެ އެވެ.

މިދިޔަ މަހު އެކި ކުށްތަކުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށަށް 34 މީހަކު ގެންދެވުނުއިރު އޭގެ ތެރެއިން 16 މީހަކަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ބާކީ ތިބި 18 މީހުންގެ ޝަރީއަތްތައް ވަނީ މަޑުޖެހިފަ އެވެ.



އޭގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ޖަލުގައި ހިންގުނު އޮޕަރޭޝަންތަކުގައި ވަނީ ޖަލުގައި ގެންގުޅުން މަނާ ސާމާނު ވެސް ހޯދާފަ އެވެ. އެ ތަފާސްހިސާބުތަކަށް ބަލާއިރު މި އޮޕަރޭޝަން ތަކުގައި މާފުށީ ޖަލުން 21 ފޯނާއި 14 ޗާޖަރު އަދި 34 ސިމް ކާޑާއި އެއް ހެޑްސެޓްގެ އިތުރުން ޖަލުގައި ގެންގުޅުން މަނާ އެތައް ސާމާނެއް ވަނީ އަތުލައިގެންފަ އެވެ. އަދި މާލޭ ޖަލުން 13 ފޯނާއި ހަތަރު ސިމް ކާޑު އަދި ދެ ހެޑްސެޓާއި އަށް ފޯނު ބެޓެރި ވަނީ އަތުލައިގެންފަ އެވެ. އައްސޭރި ޖަލުން 10 ފޯނާއި ފަސް ޗާޖަރު އަތުލައިގެންފައި ވާކަމަށް ވެސް ކަރެކްޝަންގެ ތަފާސް ހިސާބުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން