މި ފެށޭ 20 ވަނަ މަޖިލީހާއެކު އާ ގާނޫނުތައް ވުޖޫދުކުރެވުމުން ކިޑްނީ ބަދަލުކުރުން ފަދަ ހިދުމަތްތައް ރާއްޖޭގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ކިޑްނީ ބަދަލުކުރުން ފަދަ ކަންކަން މިހާރު ރާއްޖޭގައި ނުކުރެވޭތީ އެފަދަ ބަލިތައް ތަހައްމަލުކުރާ މީހުން މިހާރު އެ ފަރުވާ ހޯދަނީ ރާއްޖެއިން ބޭރުން ނެވެ.

އެކަމަކު އެ ފަރުވާ ދިނުމަށް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުން ނެވެ. ނަމަަވެސް އެކަން ނުކުރެވިގެން އުޅެނީ އެފަދަ ހިދުމަތް ދިނުމަށް ރާއްޖޭގެ ގާނޫނުތައް އަދިވެސް ހެދިފައިނުވާތީ ކަމަށް އެ ހޮސްޕިޓަލުތަކުން ދަނީ ބުނަމުން ނެވެ.

މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ގާނޫނުތައް ހެދުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ގުނަވަންތައް ބަދަލުކުރުން ފަދަ ކަންކަމަކީ ގާނޫނެއްގެ ތެރެއިން ރެގިއުލޭޓް ކުރެވިގެން ނޫނީ ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

އެހެންވެ އެކަމަށްޓަކައި ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެފަދަ ގާނޫނެއް މި ވަގުތު ނެތް ނަމަވެސް ގުނަވަންތައް ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަންޑިންއާއި ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އޭގެ އިތުރުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ މި އަންނަ މަޖިލިސްގެ ތެރެއިން އެފަދަ ގާނޫނެއް ވުޖޫދު ކުރެވޭނެކަމަށް. އެ ހިސާބުން އިރާދަ ކުރެއްވިއްޔާ އެ ހިދުމަތްވެސް ގާއިމު ކުރެވިގެން ދާނެ. ބައެއް ޕްރައިވެޓް ސެކްޓާގެ ހޮސްޕިޓަލުތަކުން އެބަހުރި އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ." ޚަލީލު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން