ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ ހުޅުމާލެ އައިލެންޑް ޕްރޮޖެކްޓް އިފްތިތާހް ކޮއްފިއެވެ.

މިކަމަށްޓަކައި ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގޭ މި ޕްރޮޖެކްޓްގެ ސަބަބުން ކުރިޔަށް އޮތް މުސްތަގްމަލުގައި އެޗް.ޑީ.ސީ އާއި ގްރޭޓަރ މާލެ ރީޖަންގައި ސަރުކާރުން ގިރާކުރަން ބޭނުންވާ ހަރުފަތްތައް ހަރުދަނާވެ ފުޅާވާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ރައްޔިތުންނަށް ގާތުން ހިދުމަތް ދީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށެވެ.

ފޭސް 2 ގައި ބިނާކުރަމުންދާ ޗެނަލް 2، އުތުރު އަދި އިރުމަތި ގޮނޑުދޮށް، ދެވަނަ ބަނދަރު އަދި ކޮންވެންޝަން ސެންޓަރު ކައިރީގައި ކުރެވެމުންދާ މަސައްކަތްތަކަކީ މި ޕްރޮޖްކްޓްގައި ހިމެނިގެން ކުރިޔަށްދާ މަސައްކަތްކަމަށް ފަޒުލް މައުލޫމާތު ދެއްވިއެވެ. އަދި މި ޕްރޮޖެކްޓްގް ދަށުން ހިންގުނު ހުޅުމާލެ ފޭސް 1 އަދި 2 ގުޅުވައިދޭ ބްރިޖްތަކާއި ޗެނަލް 1 ގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ އެތައް ރައްޔިތުންނަށް ލުއި ފަސޭހަ ވެފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުގައި ވަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގިފައެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމާއި ހޮސްޕިޓަލްތައް ބިނާ ކުރުން ހިމެނެއެވެ. ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭއަށް ފުރަތަމަ އެހީ ވެފައިވަނީ 1978 ގައި ހިންގުނު އެއާރޕޯޓް ޕްރޮޖެކްޓަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން