ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މައްސަލަ ތަހުގީގު ކުރުމަށް އާއިލާއިން އެދުނު ގޮތަށް ރާއްޖެއިން ބޭރުން އިންވެސްޓިގޭޓަރެއް ގެނެސް ތަހުގީގު ޓީމުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް 6 އަހަރުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހު ވަނީ ރިޟުވާންގެ އާއިލާއަށް އިންސާފު ހޯދައި ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އެކަމަށްޓަކައި ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވައިފައެވެ. އެހެން ނަމަވެސް ދެ އަހަރު ދުވަސް ވެގެން ދާއިރުވެސް އެ މައްސަލައަށް މާ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައި ނުވާތީ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްވީޓާގައި ރައީސް ސޯލިހު މިއަދު ހިއްސާ ކުރެއްވި ނޯޓެއްގައި އެމަނިކުފާނު ވިދާޅުވީ ރިޟުވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ.



"ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެ ނޯޓު ނިންމަވާލައްވަމުން ރައީސް ވަނީ ރިޟުވާންގެ އާއިލާއިން އެދުނު ގޮތަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރެއް ބައިވެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

ރިޟުވާން ގެއްލުނުތާ އެތައް ދުވަހަކަށް ފަހު މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުން ރިޟުވާން ރަހީނުކޮށްގެން ގެންގޮސް ކަނޑު އުޅަނދެއްގައި އޭނާ މަރާލާ ކަނޑުފެއްތީ ކަމަށެވެ. އެމައްސަލައިގެ ތުހުމަތުގައި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެކޮމިޝަނުން ޕީޖީ އޮފީހަށް ވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދައުވާ ކުރާ ވަރަށް ހެކި ނެތުމުންނާއި ތަހުގީގް ފުރިހަމަނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން