ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ލޯން އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.

މި ސޮއިކުރި އެއްބަސްވުން ތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ބޮޑު ކުރުމަށް ހިންގޭ މަޝްރޫއަށް ބޭނުންވާ އިތުރު ލޯނާއި ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ހިމެނެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީގް އަދި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ފަންޑްގެ ޗީފް އެކްޒެކިއުޓިވް އޮފިސަރ ސުލްތާން އަބްދުލް ރަހްމާން ބިން މުރްޝިދްއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. ޝަފީގް ވަނީ ސައުދީ ފަންޑުގެ އެހީގައި ހިންގުނު މަޝްރޫއުތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އެއްބަސްވުންތަކުގެ މައުލޫމާތު ދެއްވަމުން ޑރ. ޝަފީގް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް 100 މިލިއަން ޑޮލަރު އަދި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް 50 މިލިއަން ޑޮލަރު ސައުދީ ފަންޑުން ދޭނެ ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެކްޒެކިއުޓިވް އޮފިސަރ ސުލްތާން އަބްދުލް ރަހްމާން ބިން މުރްޝިދް ވިދާޅުވީ މި ސޮއިކުރެވުނު އެއްބަސްވުންތަކާއި ގުޅިގެން ވައިގެ ދަތުރުފަތުރާއި ސިއްހީ ދާއިރާއަށް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.

ސައުދީ ފަންޑުން ރާއްޖޭގެ އެކި މަޝްރޫތަކަށް ވަނީ އެހީ ފޯރުކޮއްދެވިފައެވެ. 1978 ގައި އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމަށްވެސް ސައުދީ ފަންޑުން ވަނީ އެހީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން