ވައިގަދަވާނެތި ކޮންސްޓްރަކްޝަން ސައިޓުތަކުން ތަކެތި ވިއްސައިގެން ދިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކުރިޔަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރަށްވެފައި، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންވެ އެފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަދި، މިވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓްތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެފަދަ ހާލަތެއްގައި ހުރި ނަމަ، އެ ތަކެތި ރައްކާތެރިގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ދަންނަވަމެވެ." މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވެއެވެ.

މެޓް އޮފީހުން މިއަދު ވެސް ބުނީ ޅ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން