މުއްސަނދިން މުދަލު ޒަކާތް ދައްކާނަމަ އިސްލާމީ މުޖުތަމައުގެ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިތުރު ޒަކާތް ކަމަށެވެ. އަދި މަދު މީހަކު ނޫނީ ފިތުރު ޒަކާތް ނުދައްކާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

އެކަމަކު އެއީ ކުށް ހީއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތް ކަމަށެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތް ކަމަށެވެ.

"ފިތުރު ޒަކާތަކީ ވެސް ވާޖިބެކެވެ. އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ. އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމައުގެ ވަރަށް ގިނަ އިޖްތިމާއީ މައްސަލަތައް ހައްލުވާނޭކަން ކަށަވަރު ކަމަށެވެ. އެގޮތުން ހަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލައި އެބައިމީހުންގެ މެދުގައި ފަގީރުކަންނެތި، މުޖްތަމައުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވެސް ވާނެ ކަމަށެވެ.

"ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި އަތްމަތި ދަތިމީހުންނާއި، މިހުރިހާ އެންމެން ދެއަތް އުފުލައި، އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މެދުވެރިވި މީހުންނަށް ހެޔޮ ދުއާކޮށް، އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި الله ގެ ހަޒްރަތުގައި ދުއާ ދަންނަވާނެތެވެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން