ރާއްޖޭގެ ރަށްތަކުގެ އެކަހެރިކަން ކުޑަކުރުމަށް އިޖާދީ ގޮތްތަކަށް ޓެކްނޮލޮޖީގެ ބޭނުން ވަރަށް ރަނގަޅަށް ހިފަންޖެހޭ ކަމަށް މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައި އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ގައުމުތައް ކުރިއެރުމަށް އެންމެ މުހިންމު ވަސީލަތަކީ ވެސް ޓެކްނޮލިޖީ ކަމަށެވެ. އެހެންކަމުން މުއާސަލާތީ ވަސީލަތްތަކުގެ ތެރެއިން އީޖާދީ ގޮތްތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.





އާދަމް ޝަރީފް ވިދާޅުވީ އިންސާނީ ސިކުނޑިން ނޫނީ ނުކުރެވޭނެ ކަމަށް ހީކުރި އެތައް ކަމެއް އާޓިފިޝަލް އިންޓެލިޖެންސްއިން މިހާރު ކުރާކަމަށެވެ. އެހެންކަމުން، މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ވެފައިވާ މީހަކަށް ވާން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"1980 އިގެ އަހަރުތަކުގައި ރާއްޖެ އިން ލިޔަން ކިޔަން ނުދަތުން ނައްތާލި ފަދައިން ޓެކްނޮލޮޖީގެ ލިޔަން ކިޔަން ނުދަތުން ރާއްޖެ އިން ނައްތާލުމަށް ޑިޖިޓަލް ލިޓެރަސީ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމަކީ ޓެކްނޮލޮޖީގެ ފައިދާ އެންމެންނަށް ލިބިގެންދާނެ ކަމެއް، ޓެކްނޮލޮޖީގެ ފަސޭހަތަކުގެ ތެރެއިން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމަށް ސަމާލުވެ ފާރަވެރިވާންޖެހޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގުތައް ޒުވާން ޖީލުތަކެކޭ އެއްފަދައިން ދޮށީ އުމުރުގެ މީހުންނާއިި ހުރިހާ ގިންތިއެއްގެ މީހުންނަށް ފަހި ވާންޖެހޭ ކަމަށެެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ މުއާސަލާތީ ޚިދުމަތާ ބެހޭ ސިޔާސަތު އެކުލަވައިލުމަށްޓަކައި ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.، އެ ސިޔާސަތު ވަރަށް އަވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިއަދު ވަރަށް ގިނަ ކަންކަންކުރަނީ ޑިޖިޓަލްކޮށް ކަމަށެވެ. އެގޮތުން އޮންލައިން ނޫސްތަކުގައި ހުންނަ ޚަބަރުތަށް ކިޔުމާއި ފެނާ ކަރަންޓް ބިލް ދެއްކުމުގެ އިތުރުން ސަރުކާރުންދޭ ގިނަ ޚިދުމަތްތައް މިހާރު ރައްޔިތުން ހޯދަމުންދަނީ ޕޯޓަލް މެދުވެރިކޮށް ކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން