ސަގާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ މައްސަލަ ފަދަ މައްސަލަތަކަށް ފަރުވާ ކުރުމުގެ ޕްރޮގްރާމަށް ދިވެހި ނަމެއް ފާސްކޮށް އެކަމުގެ ދިރާސާތައް ފަށަން ތައްޔާރުވެފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ "ޅެންފަރުވާ" އެވެ.

ބަސް ކޮމެޓީން ވަނީ ދިވެހިބަހުގައި އެ ނަމުގެ މާނައަކީ "ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް" މިއެވެ.

މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން ވާޝަންގައި ވެސް ހިމަނުއްވައިފައެވެ.

މި ނަން ފާސްވުމާއިއެކު ތަރިކައާއިބެހޭ ވުޒާރާއިން މިހާރުވަނީ އެކަމުގެ އަމަލީ ދިރާސާތައް ފަށަން ތައްޔާރުވެފައެވެ. އެގޮތުން، ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއިއެކު ފަހުމުނާމާއެއްގައި ސޮއި ކުރުން މިމަހުގެ 22 ވަނަ ދުވަހު އޮންނާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ ޢިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެއެވެ.

މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިޢުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން