ގަރާޖު ސިޓީގެ އަގު ލައްކައިން މައްޗަށް އަރާފައިވާ ކަމަށާއި އެހެންވެ ގަރާޖު ސިޓީ އުވާލަން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ގޮވާލައްވައިފި އެވެ.

ސަނީފް އެކްސްގައި ވިދާޅުވީ ގަރާޖު ސިޓީއަކީ އެއްމެންނަށް އެގިގެން ކުރާވައްކަމެއް ކަމަށާއި އެކަން ކުރަން ހިތްވަރު ދެނީ ދިވެހި ސަރުކާރުން ކަމަށެވެ.

އެގޮތުން އެއް ގަރާޖު 40 ފަހަރު ވިއްކާފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ގަރާޖު ސިޓީގެ އަގު އުޅެނީ 100000ރ." ސަނީފް ވިދާޅުވި އެވެ.

އެހެންކަމުން ގަރާޖުސިޓީ އުވާލުމަށް ފަހު ދައުލަތަށް ފީ ދައްކައިގެން ރަޖިސްޓްރީ ކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަދި އޭގެން ދައުލަތަށް ވެސް ވާނީ ފައިދާ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގަރާޖު ސިޓީ އުވާލަން 19 ވަނަ މަޖިލީހުގައި މަޖިލީހުގެ ކޮމިޓީން ވެސް ފާސްކުރި އެވެ. ނަމަވެސް ތަޅުމުން އެ އިސްލާހު ފާހެއް ނުވިއެވެ.

އެކަމަކު މިދިޔަ ސެޕްޓެމްބަރު މަހު ކުރީ ސަރުކާރުން ވަނީ ޓެކްސީތަކަށް ގަރާޖު ސިޓީ އުވާލައިފަ އެވެ. އަދި އޭގެ ބަދަލުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރުމަށް 10,000ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްލާހު ވަނީ ގެނެސްފަ އެވެ. އެކަމަކު އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ އަދިވެސް ކޮށްދެނީ އެއުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން