ހުއްދަ ނުހޯދާ ޑްރޯން އަރުވާތީ ފިޔަވަޅު އަޅާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން އުދުއްސާކަން ވަނީ ފާހަގަކުރެވިފައި ކަމަށެެވެ.

އެކަމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމަކަށްވާތީ، ޑްރޯން އުދުއްސުމުގެކުރިން އެ ވުޒާރާއިން ހުއްދަ ހޯދުމަށް މީގެކުރިންވެސް އާންމުކޮށް އަންގާފައިވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ރާއްޖޭގެ ކޮންމެ ދިމާއެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް މިނިސްޓްރީގެ ހުއްދަ ހޯއްދަވައިގެން އެކަންކުރެއްވުމަށް ވަނީ އެދިފަ އެވެ.

"ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހަޅުއްވާއިރު، ރަސްމީ ބަންދުނޫން ތިން ދުވަސްކުރިން ހުށަހެޅުއްވުމަށާއި، ހުއްދަ ނުހޯދާ މިކަންކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަމުގައިވެސް ދަންނަވަމެވެ. އަދި ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާމެދު މި ވުޒާރާއިން އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ މި ވުޒާރާއިން ނުނަގާނެ ކަމުގައިވެސް ދެންނެވީމެވެ." ޑިފެންސް މިނިސްޓްރީން ކުރި އިއުލާންގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން