މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނެފައިވަނީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްއިއްޔާތަކަށް އެކަނިކަމަށެވެ.

މި ޕްރޮގްރާމްގައި އެހީއަށްއެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން 4 ޖުލައި 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ހަމަޖައްސާފައިވާ އީމެއިލްއަށް ޕްރޮޕޯސަލް ފޮނުވަންޖެހެއެވެ.

ޔޫތު މިނިސްޓްރީން ​ބުނީ، މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ކަމަށެވެ.

އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތަކާއި އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީން މިހާރުވަނީ އާންމު ކޮށްފައެވެ.

މިފަދަ މާލީ އެހީ ދިނުމުގެ ޕްރޮގްރާމްތައް މީގެ ކުރިން ވެސް މިނިސްޓްރީންވަނީ ހިންގާފައެވެ. އެންމެ ފަހުން ހިންގި ޕްރޮގްރާމްގައި އެކި ޖަމިއްޔާތަކަށް ކޮންމެ ޕްރޮގްރާމަކަށް 2 ލައްކަ ރުފިޔާއާއި ހަމައަށް އެހީ ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން