ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތް ބެލުމަށް، ރައްޔިތުން ޚިޔާލު ހުށައެޅުމަށް މަޖިލީހުން ހުޅުވާލިއިރު ރައްޔިތުން ތިބީ ހަނާވެފައި ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން ގެންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ކަންކަމާއި ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން އާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ޞިއްޙީ ދާއިރާގެ ކަމާގުޅޭ ބޭފުޅުންނާއި ޢާންމުންގެ ޚިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ކޯވިޑާއި ގުޅޭ ކަންކަން ބޮއްސުންލާފައިވަނީ ވަކި މުއައްސަސާއެއްގެ އިހުމާލުނުކްމަށް ދައްކައި އެގޮތަށް އެކަން ކުރެވޭކަށް ނެތްކަމަށެވެ. ކޯވިޑްގެ ކަންކަން ރާއްޖޭގައި ބޮއްސުން ލާފައިވަނީ ސަރުކާރުން މިކަމުގައި އަމަލުކުރަމުންދިޔަ ގޮތުން ކަންކަން ބޮއްސުންލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މުޅި ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ބަލި މަޑުކަމަކަށްވާއިރު ރާއްޖޭގައި ހުރި މުއައްސަސާތައް އޮތީ ނިދާފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތަށް އެކަނި ބަލައިލުމުންވެސް ސަރުކާރުގައި އެއްވެސް ބުރަދަނެއް ނެތްކަން ހާމަވެ، ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ މަންޒަރު ފެންނަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިއަދު މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލިއިރު ރައްޔިތުން ތިބި ހާލެއް ސަރުކާރަށް ނޭގޭކަމީ ހިތާމަ ކުރައްވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯވިޑްގެ ކަންތައްތައް ބޮއްސުންލީ ސަރުކާރު ބޮއްސުންލާފައިވާތީ. ސަރުކާރުގެ އެއްވެސް ޤާބިލުކަމެއް ނެތީމަ. އެކަމާއި އުޅެނީކީ އަދި އުޅެންވަނީކީއެއް އެއް ވުޒާރާއަކުންނޫން. ސަރުކާރު މިވަނީ ބޮޑުތަނުން ފެއިލްވެފަ. މަޖިލީހުން ޚިޔާލް ހޯދަން ހުޅުވާލިއިރު، ރައްޔިތުން ތިބީ ހަނާވެފަ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ސިއްޙީ ދާއިރާގެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކަމަށްބުނެ އިއްޔެ މަޖިލީހަށްވަނީ ކުރީ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ މަޤާމުތައް ފުރުއްވި ބޭފުޅުންނާއި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ 4 ވަރަކަށް ބޭފުޅުން މަޖިލީހަށް ގެންގޮސް ޚިޔާލު ހޯދާފައެވެ. ނަމަވެސް މި ބައްދަލުވުމަކީ ކުރީގެ ވަޒީރުންނާއި، ކުރީގެ ޑޮކްޓަރުން ހިމެނޭހެން 50 މީހުން ހިމެނޭ ގޮތަށް ޚިޔާލް ހޯދުމަށް ކުރިން ތާވަލު ކުރި ބައްދަލުވުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން