މާލީ ދާއިރާ ރިފޯމް ކުރުމަށް ރޭވި ޕްރޮގްރާމްތައް އެންމެ އެެދެވޭގޮތުގައި ތަންފީޒު ވެފައިނުވާތީ ކުރިން ލަފާކުރިވަރަށް ރާއްޖޭގެ އިގުތިސާދު ކުރިއަރާފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި "ސްކޭލިން ބެކް އެންޑް ރީ-ބިލްޑިންގ ބަފާސް" ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވަނީ މިދިޔަ އަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް އިގުތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ކަމަށް ބުނެފައެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރު މާލީ ނިޒާމް ރިފޯމް ކުރުމަށް ކަންތައްތަކެއް ކުރުމަށް ޕްލޭން ކުރެވުނު ނަމަވެސް އެ އަހަރުގެ ތެރޭގައި ރިފޯމް ޕްރޮގްރާމްތައް ތަންފީޒުކޮށްފައިނުވުމުން އިޤްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށް ކުރިއަރާފައިނުވާ ކަމަށެވެ.

އެެހެންނަމަވެސް މިހާރު ސަރުކާރުން ދަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ރަނގަޅު ދަނޑިވަޅުގައި މި ބަދަލުތައް ތަންފީޒުކުރެވިގެންދާނެ ކަމަށާއި މި ބަދަލުތައް ގެނައުމުގައި ވޯލްޑް ބޭންކު އަދި އައިއެމްއެފް ފަދަ އެޖެންސީތަކުގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދޭކަމަށާއި އަދި އިސްލާހީ ބަދަލުތައް ގެނައުމުގައި ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލުގެނައުމާއި، އާސަންދަ ދިނުމުގެ އުސޫލަށް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އެޅި އެންމެ ބޮޑު އެއް މާލީ ފިޔަވަޅުގެ ގޮތުގައި ފާހަގަ ކުރެވެނީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ. އެކަމަށް ބައިނަލްއަގުވާމީ މާލީ އެކި އިދާރާތަކުން ދަނީ ތައުރީފު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން