މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ ރަށްޔިތުން އަގަޔާއި އަތާއި ދިމާނުވާ ހިސާބަށް ކަންކަން ގޮސްފައިވާއިރުވެސް ސަރުކާރުން އުޅެނީ ކޯލިޝަން ސަރުކާރުގެ ކޭކު ފެޅުމުގައިކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށް ޓުވަރިޒަމް މިނިސްޓްރީ ނުދެއްވައިގެން އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅިގެން ސައީދު ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުގައިވެސް ގުރުއަތުލައިގެން މަޤާމުތައް ހަމަޖެއްސުމަށް ގޮވާލީ މިހެން ކަންކަން ހިނގާފާނެތީކަމަށެވެ. މިއަދު މަޤާމުތަކާއި ވެރިކަމުގެ ދަހިވެތިކަމުގައި އެކި ކަންކަން ކުރުމުގައި ސަރުކާރުގެ ވެރިން އުޅުއްވާއިރު ރައްޔިތުން ތިބި ހާލަތު ސަރުކާރަށް ނޭގޭކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުންގެ ތެރެއިން އެތައްބަޔަކު އަތާއި އަގަޔާއި ދިމާނުވާ ހާލަތައް މިއަދު ގޮސްފައިވާއިރު މިކަންކަމާއި ވިސްނައި ހައްލު ހޯދުމަށް މަސައްކަތް ކުރާ ސަރުކާރެއް މިޤައުމުގައި ނެތްކަމަށް ސައީދު ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ ރާއްޖޭގައި އޮތީ ކޮން ސަރުކާރެއްކަން ކަށަވަރު ވެގެން ކަމަށާއި ޤައުމުގައި ތިން ހަތަރު ސަރުކާރު އޮވެގެން ޤައުމު ހަމަޔަކަށް އަޅުވައި ރައްޔިތުންނަށް ހެޔޮވެރިކަމެއް ނުކޮށްދެވޭނެކަމަށް ސައީދު ވިދާޅުވިއެވެ.

"ގުރުއަތުލާން ހިޔާލު ހުށަ އެޅީ މިހެން ވެދާނެތީ. ތިން ހަތަރު ސަރުކާރު އޮވެގެން ކިހިނެއްތޯ މިޤައުމު ހަމަޔަކަށް އަޅުވާނީ. ރައްޔިތުންގެ ޖީބުތައް ހުސްވެ ދިރި ނޫޅެވޭ ހިސާބަށް ޤައުމު ހިގައްޖެ. ކޯލިޝަން ކޭކު ފެޅުމުގަ." ސައީދު ވިދާޅުވިއެވެ.

އެންމެ ފަހުން ހުސްވި ޓުވަރިޒަމް މިނިސްޓަރުގެ މަޤާމު އަކުން ދެއްވާނީ އެމްޑީޕީގެ ބޭފުޅަކަށް ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ހީފުޅު ކުރެވުނު ކަމުގައި ވީނަމަވެސް އެމަޤާމު ރައީސް ޞާލިހު ދެއްވީ ކުރިންވެސް އެމަޤާމު ފުރުއްވަމުންދިޔަ ކޯލިޝަން ޕާޓްނަރ، ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން