20 ވަނަ ރައްޔިތުން މަޖިލިސް ރައްޔިތުން ބަލައިގަންނަ ނަމޫނާ މަޖިލީހަކަށް ހައްދަވައިދެއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މުޢިއްޒު މިކަމަށް އެދިވަޑައިގަތީ ސަރުކާރުގެ ވެރިންނާއި ޕީއެންސީއަށް ނިސްބަތްވާ އަދި ސަރުކާރަށް ތާއީދުކުރައްވާ އިންތިހާބީ މެމްބަރުންނާއެކީ މިއަދު މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެެވެ.

ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޢަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި 20 ވަަނަ މަޖިލިސް ރައްޔިތުން ބަލައިގަންނަ ނަމޫނާ މަޖިލިހަކަށް ހެދުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންނެވި ކަމަށެވެ. އަދި ރައްޔިތުންނާ ގައުމަށް ފައިދާ ހުރި މަސައްކަތްތައް ލަސްނުކޮށް، ރައްޔިތުން ބަލައިގަންނަ މަޖިލީހަކަށް އެ މަޖިލިސް ހައްދަވައިދެއްވަން ވަރަށް ބޮޑަށް އެމަނިކުފާނު ބާރުއެޅުއްވި ކަމަށް މި ބައްދަލުވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޢަބުދުއްރަޙީމް ޢަބުދު ﷲ އަދި ނާއިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އައްޔަންކުރަން ޕީއެެންސީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ފަލާހު އަދި ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ސުޖާއު ހަމަޖައްސަން މިއަދު ވަނީ ފާސްކޮށްފައެވެ.

ވިހި ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 74 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. ވިހި ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރާނީ މިމަހުގެ 28 ވަނަ ދުވަހުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން