ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިއިރު އުންމީދުކުރި ވަރާއި ގާތައްވެސް ފަތުރުވެރިން ރާއްޖެއަށް އަންނަމުން ނުދާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްއީއޯސީން ރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިވީ 25 ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 6277 މީހުންނެވެ. މިއީ ބޯޑަރު ހުޅުވުމަށްޓަކައި ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މާބޮޑުތަނުންވެސް މަދު އަދަދެކެވެ. ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާއިރު ކޮންމެ 20 މިނެޓަކުން ފްލައިޓެއް ޖެއްސޭވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ އޮތީ ތައްޔާރަށްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލުން ވަނީ ބުނެފައެވެ. މިހާތަނަށް ބައިނަލްއަޤްވާމީ 12 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ. އަދި އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމާބެހޭ ގޮތުން ދަނީ މަޝްވަރާކުރަމުންނެވެ.

ބޯޑަރުތައް ހުޅުވާލާފައިވާއިރު ރާއްޖޭގައި ހިންގާ 166 ރިސޯޓުގެ ތެރެއިން 30 ރިސޯޓެއް ހުޅުވާލާ ޚިދުމަތްދޭން ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރިސޯޓުތަކާއި ސަފާރީތަކަށް އެކަންޏެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ އެންމެބޮޑު ސަބަބެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބޭފުޅުން ދެކެނީ މީގެކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތަކުން ރާއްޖެއަށް ދަތުރު ނުކުރުމެވެ. އެގޮތުން ޗައިނާ އަކީ ފާހަގަކޮށްލެވޭ ގައުމެކެވެ. ބޯޑަރު ހުޅުވާލާފައިވާއިރު ރާއްޖެއަށް ޗައިނާގެ ފަތުރިން އަދި ނާދެއެވެ.

ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައުމުގެ ބަދަލުގައި ދަނީ އަވަށްޓެރި ސްރީލަންކާއަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ބުނަމުންދަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ޗައިނާ މާކެޓުން ރާއްޖެއަށް ފަތުރުވެރިން ނާންނަނީ މި ސަރުކާރާއި ޗައިނާއާއި ދެމެދު އޮތް ގުޅުން މިހާރު ގޯސްވެފައިވާތީއެވެ. މީގެކުރިންވެސް ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި ބޮޑު ދައުރެއް އަދާކުރަމުން ދިޔަ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން އެމަސައްކަތް އަދި މަޑުޖައްސާލާފައިވަނީ މިސަބަބާ ހުރެ ކަމަށް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާއި ރައްޔިތުން މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު މިފަހަކަށް އައިސް ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާއިރު ޗައިނާ ސަފީރު ގެންދަވަނި ރައީސް ނަޝީދު ޗައިނާއާއި ބެހޭގޮތުން ދައްކަވާ ވާހަކަފުޅު ތަކަށް ވަރަށް ބޮޑަށް ރައްދުވެސް ދެއްވަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން ދަތުރުފަތުރު ކުރުމުގައި ޚާއްސަ އުސޫލުތަކެއް ދަނީ ގެންގުޅެމުންނެވެ. އެތެރެވާ މީހުންނާއި، ޤައުމުން ބޭރުވާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ޝަފީގު

10-Aug-2020

ސޭފޭ ސޭފޭ ކިޔަސް އަމަލުން އެކަން ފެނިގެންދޯވާނީ ބަޔަކަށް ހީވީ އަގައިން ހުރިހާކަމެއް ނިންމާލެވޭނެ ކަމަށް.



ޓްރެންޑިން