ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަންނަ މަހު ފަސް ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް ސަމިޓުގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެ ޕްރޮގްރާމް ފަށާނީ ދުނިޔޭގެ ތިމާވެށީގެ ދުވަހު ކަމަށެެވެ. އެއީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.

މިނިސްޓަރު ވިދާޅުވީ ގަސް އިންދުމުގެ އެ ޕްރޮގްރާމް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރިސޯޓްތަކުގައިވެސް ކުރިއަށް ގެންދާނެ ކަަމަށެވެ.

އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގުތިސާދަށާއި މުޅި ގައުމަށްވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން