ރ. އުނގޫފާރުގެ މަގެއްގައި ހެދިފައި އޮތް ފެންގަނޑަކަށް އެރިގެން ކަރަންޓުގައި ޖެހުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު އަދިވެސް ސީރިއަސް ކަމަށް އާއިލާއިން ބުނެފި އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތިއެއްގެ ވަޔަރިން މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު އައިސްފައި ހުރުމުގެ ސަބަބުންނެވެ.

އެ ހާދިސާގައި އެންމެ ފުރަތަމަ ކަރަންޓުގައި ޖެހުނީ އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރަން ފެންގަނޑަށް އެރުނު 18 އަހަރުގެ ކުއްޖާވެސް ކަރަންޓުގައި ޖެހުނީ އެވެ.

އެހެންވެ އެ ދެ ކުދިން އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ވަނީ ފަށާފައެެވެ.

އޭގެ ތެރެއިން އަށް އަހަރުގެ ފިރިހެން ކުއްޖާ ރޭ ދޫކޮށްލައިފައިވާ އިރު 18 އަހަރުގެ ފިރިހެން ކުއްޖާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުނެއެވެ.

އޭނާގެ އާއިލާގެ މީހަކު "ރަސް"އަށް މައުލޫމާތު ދެމުން ބުނީ އޭނާ އަދިވެސް އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

"ފުރަމޭ މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރުން ބުނަނީ." އާއިލާގެ މީހާ ރަސްއަށް މައުލޫމާތު ދެމުން ބުންޏެވެ.

އެ ހާދިސާގެ މަންޒަރު ދުށް އަންހެން ކުއްޖަކު އަނބުރައިގަނެގެން ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން