ސިޔާސީ މަގާމު ތަކަށް ބަދަލު ގެނެސް ބައެއް ބޭފުޅުން މަގާމުން ވަކިކުރި ނަމަވެސް އެކަމުގެ ސަބަބުން ސަރުކާރަށް އެެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ޢަބުދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބަދަލު ގެނެސް މަގާމުތަކުން ބޭފުޅުން ވަކިކުރުމަކީ އަލަށްކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރު ތަކުގައި ވެސް އެގޮތަށް އެތައް ނާއިބް ރައީސުންނާއި ޑިފެންސް މިނިސްޓަރުން ހިމެނޭގޮތުން ސިޔާސީ މަގާމުތަކަށް ބަދަލު ގެނެސް ބޭފުޅުން ވަކިކޮށްފައިވާ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް މެނިފެސްޓޯ ތަންފީޒުކޮށް ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަން ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި ސިޔާސީ މަގާމުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ޢަބުދުއްރަޙީމް ވިދާޅުވީ ބައެއް ބޭފުޅުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ހިތްހަމަނުޖެހުންތަކެއް ހުރެގެން ކަމަށާއި އެފަދަ ކަމެއް ދިމާވެގެން ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް ސަރުކާރު ރަނގަޅު ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ވަކިވެވަޑައިގަތުމަށްފަހު އެބޭފުޅުން ދައްކަވާ ވާހަކަތަކާއި މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

"މިހާރު ސަރުކާރަށް ގެންނަ ބަދަލުތަކަކީ ރައީސް މުޢިއްޒު ވެވަވަޑަައިގެންނެވި ވައުދާއި އެއްގޮތަށް މަސައްކަތް ކުރުމަށް ގެންނަވާ ބަދަލުތައް. އެމަނިކުފާނު ވިދާޅުވެފައި އޮންނާނެ އެމަނިކުފާނާއެކު މަސައްކަތް ކުރެވޭނީ 24 ގަޑިއިރު ވެސް މަސައްކަތް ކުރެވޭނެ ބޭފުޅުންނާ އެކީގައޭ. ހަމައެއާއެކު ގެންނަވަން ޖެހޭ ބަދަލު ގެންނަވަން ފަސްޖެހިވަޑައެއް ނުގަންނަވާނެ. އޭގެ ސަބަބުން މި ސަރުކާރަށް އަދި ނާދޭ އެއްވެސް ހީނަރު ކަމެއް." 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރަައީސް ކަމަށް ގެނައުމަށް ޕީއެންސީން ނިންމާފައިވާ ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

ދާދިފަހުން ޕީސީބީން ވަނީ، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހުމަދު ޒުހޫރު މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވަނީ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި މި ސަރުކާރުގައި ތިއްބެވި ބައެއް ޑެޕިއުޓީ މިނިސްޓަރުން ވެސް ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން