މާލޭގައި ފިރިހެނަކު ބަރަހާނާކޮށް ބްލެކްމެއިލްކޮށް އޭނާގެ މޮބައިލް ފޯނު ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަ އާއި ގުޅިގެން އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ 30 އަހަރާއި 33 އަހަރުގެ ދިވެހި ފިރިހެނުންނެވެެ. އެ ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތަނުން، ކަން ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށެވެ. އަދި އެ ދެމީހުން ފުލުހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އަނިޔާ ލިބުނު މީހާގެ މޮބައިލް ފޯނު ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި އެ ދެމީހުން ގެންގުޅުނު މޮބައިލް ފޯނުން އިތުރު ބައެއްގެ ބަރަހާނާ ވީޑިއޯ ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާގޮތުން މިމައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީވެސް އެބާވަތުގެ ކުށުގެ ރިކޯޑް އޮތް ބައެކެެވެ. އަދި މިކަމަކީ ރޭވިގެން އިންތިޒާމްވެގެން ހިންގާ ކަމެއް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

މިމައްސަލަ އާއި ގުޅޭ މައުލޫމާތެެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އެކި މީހުން އޮޅުވާލައިގެން ތަންތަނަށް ގެންގޮސް ފޭރޭތީ އެކަމަށް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން