ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ، އެ މަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޙާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތް ވެގެންވާ ދެ ހަރަމްގެ ޚާދިމް، ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި، ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވާ ފުރިހަމަ ސިއްހަތެއް ދެއްވާތޯ ރައީސް ވަނީ ދުޢާދަންނަވާފައެވެ.



ރަސްގެފާނު ސަލްމާން އާލާސްކަންފުޅާ އުޅުއްވާކަން ހާމަކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ސައުދީ ރޯޔަލް ކޯޓުންނެވެ. ސައުދީ ރޯޔަލް ކޯޓުން ނެރުނު ބަޔާނުގައި، ރަސްގެފާނުގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދި ފުއްޕާމޭ ދުޅަވެފައިވާކަން ތަހުލީލު ތަކުން އެނގުމާއިއެކު، އެންޓިބަޔޮޓިކްސް ބޭނުންކޮށް ފަރުވާ ހޯއްދަވަމުންދާކަމަށް ބަޔާންކޮށްފައިވެއެވެ.

ސައުދީގެ ކެބިނެޓް ސެޝަނެއްގައި، ރަސްގެފާނު ސަލްމާންގެ އާލާސްކަންފުޅާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަލީއަޙުދް މުޙައްމަދު ބިން ސަލްމާން ވަނީ، ޖިއްދާގައި ރަސްގެފާނު ސިއްހީ ފަރުވާ ހޯއްދަވަމުންދާ ކަމަށާއި، އަދި މިހާރު ރަސްގެފާނުގެ ހާލުކޮޅު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ރަސްގެފާނު ސަލްމާން ރަސްކަމަށް ވަޑައިގަތީ 23 ޖެނުވަރީ 2015 ގައެވެ. ރަސްކަމާއި ހަވާލުވެވަޑައިގެން ރަސްގެފާނު ސަލްމާން ގެންދަވަނީ ސައުދީ އަރަބިއްޔާއަށް ތާރިޚީ ބަދަލުތަކެއް ގެންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން