30 ދުވަހަށް ހިލޭ ދޭ ޓޫރިސްޓް ވިސާގެ މުއްދަތަށްވުރެ އިތުރަށް ތިބެން ބޭނުންވާނަމަ އެޑްމިނިސްޓްރޭޓިވް ފީއެއް ނެގުމަށްފަހު ލަންކާ ވިސާ އިތުރު ހަމަހަށް ދިވެހިންނަށްދޭ ގޮތަށް އެ ގައުމުން ނިންމައިފިއެވެ.

ލަންކާގެ ވިސާ އުސޫލަށް ގެނައި ބަދަލާ ބެހޭގޮތުން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގައި އަލަށް ތައާރަފް ކުރި އީ-ވިސާ ގައިޑްލައިންގައި ވާގޮތުން ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އަރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި ދަތުރުގެ ދިގުމިން 30 ދުވަހަށްވުރެ އިތުރުވާނަމަ 6 މަސްދުވަހުގެ ހިލޭ ވިސާއަކަށް އޮންލައިންކޮށް އެދެވޭނެކަމަށެވެ. މި ވިސާއަށް އެޑްމިނިސްޓްރޭޓިވް ފީ އެއް ނަގާނެެކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



ލަންކާގައި މި ވަގުތު ތިބި ދިވެހީންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހިފައިވާ ދިވެހީން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅުމުން އެކަމުގައި އެހީތެރިވެދޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ލަންކާއަށް ދަތުރުކުރާ ދިވެހިން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވަާނަމަ މިނިސްޓްރީއަށް ގުޅައިގެން ކުރިޔަށް ދިޔުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ.

ދެ ގައުމަށް ވެސް ފައިދާވާނެހެން މިހާރު ވެސް ވިސާ ދިނުމުގައި ހުރި ފަސޭހަތައް ދެމެހެއްޓުމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން