މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ނެތިގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެހެންކަމުން މޫސުމީ ފަންޑުގެ ބޭނުން ރާއްޖެއަށް ބޮޑު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ "ދަ ގާޑިއަން" ގެ "އޮޕީނިއަން" ކޮލަމްގައި އެމަނިކުފާނު ޝާއިއުކުރެއްވި ލިޔުއްވުމެއްގަ އެވެ.

އެލިޔުއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތައް ނެތި ހިގައިދާނެ ކަމަށާއި، އެ ނުރައްކާ ރާއްޖެއަށް އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީގެ ސަބަބުން މޫސުމީ ކަންތައްތަކަށް ދުނިޔޭގެ ފަރާތުން ބޭނުންވާ ފަންޑް ލިބުމުން ރާއްޖެ މިހާރު ވަނީ މަހުރޫމްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް ދުނިޔޭގެ އެހީ ބޭނުންވާ ކަމަށާއި ރާއްޖެއަށް ކްލައިމެޓް ފައިނޭންސްގެ ބޭނުންޖެހިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން މޫސުމީ ބަދަލުތަކުގެ ބުރަ އުފުލަނީ އެކަމުގެ ޒިންމާވުމުގައި މާބޮޑު ދައުރެއް ނެތިކަމަށެވެ. އަދި މިކަން 1989 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ސަމާލުކަމަށް ރާއްޖެއިން ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުއްވާލައްވާ، ސޯލާ ފަދަ އިއާދަކުރަނިވި ހަކަތަ އުފައްދާ ވަސީލަތްތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެއިން ހަކަތަ ބޭނުންކުރާ ގޮތްތައް ތިމާވެށްޓާއި ރައްޓެހިކުރެވިދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) އިން ދުނިޔެ ހޫނުވުމުގެ ނަތީޖާ ތަހައްމަލުކުރަމުންދަނީ ވަރަށް މަދު ބައެއްގެ ސަޕޯޓާއިއެކު އެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ 0.003 އިންސައްތަ ތެލާއި ގޭސް ބޭރުކުރާ ގައުމެއް ނަމަވެސް ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނަތީޖާތައް އެންމެ ފުރަތަމަ ތަހައްމަލުކުރި އެއް ގައުމު ކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ފަދަ މުޖުތަމައުތަކުގެ މައްޗަށް މުއްސަނދި ގައުމުތަކުގެ ޒިންމާއެއް އެބައޮތް. ނަމަވެސް ސިޑްސްއަށް ލިބެނީ އެންމެ ދަށުން ތަރައްގީވެފައިވާ ގައުމުތަކަށް ލިބޭ ފައިނޭންސްގެ ގާތްގަނޑަކަށް 14 އިންސައްތަ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން