ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ހަތަރު މިލިއަނެއްހާ ރުފިޔާއަށް ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ އެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ އެކަމުގެ އަމަލީ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށާއި އަދި އެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.

ސިފްކޯއާ ހަވާލުކުރި މަސައްކަތްތަކުގެ ދަށުން ލައިޓްތަކުގެ މިހާރުގެ ހާލަތު ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، މުޅި ލައިޓް ސިސްޓަމްގެ ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ލައިޓްތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި އެކަންތައްތައް ދެނެގަތުމުގެ މަސައްކަތް ކަމަށާއި އޭގެ ފަހުން މިހާރު ވަނީ ލައިޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިދިޔަ ފަސް އަހަރު ވެސް ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހިފައިވާތީ ފުޓްބޯޅަ ސީޒަންގެ މެޗުތައް ކުރިއަށްގެންދިޔުމަށް ދަތިވާ ހިސާބަށް ދިޔަ ކަމަށެވެ. އަދި އެންމެ ފަހުން މިދިޔަ އޮގަސްޓް މަހު ދަނޑުގެ ލައިޓްތައް ވަރަށް ބޮޑަށް މައްސަލަޖެހި ބޭނުންނުކުރެވޭވަރު ވެސް ވި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ސަބަބާހުރެ އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދެވަނަ ޑިވިޒަންގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ކުޅެން ޖެހުނީ ހަވީރު ކަމަށާއި ރޭގަނޑު މެޗުތައް ނުކުޅެވުމުގެ ސަބަބުން މުބާރާތުގެ މެޗުތައް ދޮޅުމަހަށްވުރެ ދިގުލައިގެންދިޔަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ނިންމާލެވެނޭކަމަށް ބެލެވޭ ކަމުގައި ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން