ޒަކާތު ފަންޑުން މިދިޔަ މަހު 168 މީހަކަށް އެހީ ހަމަޖައްސައި ދީފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ 1.5 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މިދިޔަ މަހު ޚަރަދު ކޮށްފައިވަނީ ޖުމްލަ 506،501 ރުފިޔާއެވެ. އަދި ފިތުރު ޒަކާތުން ޖުމްލަ 9.24 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އޭޕްރީލްމަހު ޒަކާތު ފަންޑުން ކެންސަރުގެ ބަލިމީހުންނަށް 373،175 ރުފިޔާ ދޫކޮށްފައިވާއިރު، ހިތުގެ އޮޕަރޭޝަންތަކަށް 106،012.50 ރުފިޔާ އަދި ނިއުމޯނިއާއަށް 100،000 ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ އިތުރުން ހަށިގަނޑުން ބައެއް ފިހިގެން 165،446.25 ރުފިޔާ ދޫކޮށްފައިވާއިރު ސިކުނޑީގެ އޮޕަރޭޝަންތަކަށް 25،443 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ހަމައެއާއެކު ޒަކާތު ފަންޑު މެދުވެރިކޮށް 731،293.50 ރުފިޔާ އެހެނިހެން ބަލިތަކަށްވެސް ވަނީ ޚަރަދުކޮށްފައެވެ. ހަމައެހެންމެ ޚާއްސަ ހާލަތްތައް މެދުވެރިވެގެން އެހީގެ ގޮތުގައި 9،000 ރުފިޔާ އެފަންޑުން ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޒަކާތު ފަންޑުގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު ކުރި ޚަރަދުތަކުގެ ތެރޭގައި، މާޗު މަހު އެހީ ހަމަޖެހުނު މީހުންގެ ޚަރަދުތައް ވެސް ހިމެނިފައިވެއެވެ.

ރާއްޖޭގައި މުޅީން އަލަށް ޒަކާތު ހައުސްއެއް އުފައްދާ އެތަނުގެ ބެލުމުގެ ދަށުން ޒަކާތާގުޅޭ އެންމެހާ ކަންކަން ކުރަން މިހާރު ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން