އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދުމުއިއްޒު ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަޙަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި، ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން، އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުމާއި، މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ސިޑްސްގެ ޤައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ވަނީ ދިވެހިރާއްޖެއަށް ހުރިހާ ދާއިރާއެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން